ކުޅިވަރު / ޚަބަރު
ޤައުމީ ފުޓްސަލް ޓީމަށް އެސްޓީއޯއިން އެއް ލައްކަ ރުފިޔާގެ ގިފްޓް ވައުޗަރއެއް
އެސްޓީއޯއިން ޤައުމީ ފުޓްސަލް ޓީމަށް މަރުހަބާ ކިއުން / ފޮޓޯ: އެސްޓީއޯ
ހުލާސާ
އެސްޓީއޯއިން ޤައުމީ ފުޓްސަލް ޓީމަށް މަރުހަބާ ކިއުން / ފޮޓޯ: އެސްޓީއޯ
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ޤައުމީ ފުޓްސަލް ޓީމަށް އެއް ލައްކަ ރުފިޔާގެ ގިފްޓް ވައުޗަރއެއް ހަދިޔާކޮށްފިއެވެ. މި ގިފްޓް ވައުޗަރ އެ ޓީމާ ހަވާލުކޮށްފައި ވަނީ ޓީމުގެ ޝަރަފުގައި އެސްޓީއޯ ހެޑްއޮފީހުގައި އާދީއްތަ ދުވަހު ބޭއްވި ޚާއްޞަ ޚަފްލާއެއްގައެވެ.
އެ އޮފީހަށް ޓީމު ޒިޔާރަތްކުރުމުން ވަނީ ރަތް ދޫލައިގެ މަރުހަބާއެއް ކިޔާފައެވެ. މި ޙަފްލާގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ އަދި ސީއީއޯ ޝިމާދު އިބްރާހިމް އާއި އެކި ބަހާ ތަކުގެ އިސް ވެރިންގެ އިތުރުން ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
ގިފްޓް ވައުޗަރގެ އިތުރުން، އެސްޓީއޯއިން ވަނީ ޤައުމީ ޓީމަށް ހަނދާނީ ފިލައެއް ވެސް އަރުވާފައިވެއެވެ. އެސްޓީއޯގެ ފަރާތުން ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ޑިރެކްޓަރ އޮފް ފައިނޭންސް މުޙައްމަދު ނިޒާމެވެ. ޓީމުގެ ފަރާތުން މި ފިލައާ ހަވާލުވީ ކެޕްޓަން މުޙައްމަދު އިމްރާން (އިންމި) އެވެ.
ޤައުމީ ފުޓްސަލް ޓީމާއި އެސްޓީއޯ އޮތީ ވަރަށް ބޮޑަށް ގުޅިފައެވެ. އެގޮތުން އެސްޓީއޯގައި މިހާރު ވެސް މަސައްކަތް ކުރަމުންދާ 3 މުވައްޒަފަކު އެ ޓީމުގައި ހިމެނެއެވެ. އަދި ކެޕްޓަން އިމްރާނަކީ މީގެކުރިން އެސްޓީއޯގައި ވަޒީފާ އަދާކުރި ކުޅުންތެރިއެކެވެ. މިހާރު އެ ކުންފުނީގައި މަސައްކަތް ކުރަނީ، ހުޒެއިފަތު ރަޝީދު (ހުޒޭ) އާއި އަޙްމަދު ރާހިލް ރަޝީދު (ރާކޮ) އަދި އަލީ ހައިޝަމް (ޗުމްޕު) އެވެ.
ޖުމްލަ ހަތް ޤައުމަކުން ވާދަކުރި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ރާއްޖެއިން ހޯދާފައިވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތައިންސައްތަ މޮޅުވުމުގެ ރެކޯޑަކާއެކުއެވެ.