ޚަބަރު
ތަޢުލީމަކީ ދެމެހެއްޓެނިވި ތަރައްޤީއާއި ދުނިޔޭގެ ކުރިއެރުމުގެ ބިންގާކަން ހަނދާންކުރަންޖެހޭ: ރައީސް މުޢިއްޒު
ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް
ތަޢުލީމަކީ ދެމެހެއްޓެނިވި ތަރައްޤީއާއި ދުނިޔޭގެ ކުރިއެރުމުގެ މައިގަނޑު ބިންގާކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ ތަޢުލީމީ ދުވަހުގެ މުނާސަބަތުގައި އެކސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ ތަޢުލީމީ ނިޒާމަކީ އެންމެން ބައިވެރިވާ، ގުޅުންހުރި އަދި ބަދަލުތަކަށް މަގުފަހިކޮށްދޭ ނިޒާމަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި ސަރުކާރުން ޤައުމީ ތަރައްޤީގެ އެންމެ މުހިންމު އަސާސަކީ ތަޢުލީމު ކަމުގައި ކަނޑައަޅާފައިވާކަން ފާހަގަކުރައްވަމުން، ރައީސް މުޢިއްޒު ވިދާޅުވީ ޒުވާނުންނަކީ ތަޢުލީމީ ދާއިރާ ބައްޓަންކުރުމުގައި ބައިވެރިވާ ބަޔަކަށް ހެދުމަށް ސަރުކާރުން އިސްކަންދޭ ކަމަށެވެ. މީގެ ބޭނުމަކީ ކޮންމެ ދަރިވަރަކަށްވެސް ކުރިއަރައި ދިއުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.
ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ތަޢުލީމީ ދާއިރާއިން ހޯދާފައިވާ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ފުރަތަމަ ޑިގްރީ ސްކީމްގެ ދަށުން 6،000 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެފައިވާ ކަމަށެވެ. މީގެ އިތުރުން، މަތީ ތަޢުލީމަށް ކިޔަވާ ދަރިވަރުންނަށް އެހީތެރިވުމުގެ ގޮތުން 1 ބިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ލޯނުގެ ގޮތުގައި ދޫކުރެވިފައިވާ ކަމަށްވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވީ، ދަރިވަރުންނަށް އިންވެސްޓްކޮށް ތަޢުލީމީ ފުރުޞަތުތައް ފުޅާކުރުމަކީ ހަމައެކަނި ވަކިވަކި ފަރުދުންގެ މުސްތަޤުބަލު ބައްޓަންކުރުން ނޫން ކަމަށެވެ. އެއީ ތަނަވަސް، ހަމަހަމަ އަދި ކުރިއެރުންތަކަށް ކެތްކުރެވޭ ފަދަ ޤައުމެއް ބިނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.