Ads by Stelco

ޚަބަރު

އިންސާނީ ވަގުފާރިއާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފި

އިންސާނީ ވަގުފާރިއާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފި

އިންސާނީ ވަގުފާރިއާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރިއަށްގެންދިޔުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 ޖެނުއަރީ 2026، 03:48

21 ޖެނުއަރީ 2026، 03:48

އިންސާނީ ވަގުފާރިއާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށާއި، މިކަމުގައި ޝާމިލްވާ އެންމެހާ މުއައްސަސާތައް ބާރުވެރިކުރުވުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ޚާއްސަ ބައްދަލުވުމެއް ބާއްވައިފިއެވެ. މިއީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށުން ހިންގާ، މީހުން ވިލަރެސްކުރާ ކޮމިޓީއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ، އިންސާނީ ވަގުފާރި ހުއްޓުވުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކޮށް މިކަމުގައި ޝާމިލްވާ އެންމެހާ މުއައްސަސާތައް ހޭލުންތެރިކުރުވުމެވެ. އަދި މިކަމާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ބައިވެރިންގެ މެދުގައި ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެންޓިޓްރެފިކިން އިންޕާސަން އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރ އަޒްހާ އިބްރާހީމް ވިދާޅުވީ، މި ބައްދަލުވުމަކީ ސަރުކާރުގެ އިދާރާތަކާއި އެކީގައި މަސައްކަތްކުރާ ސިވިލް ސޮސައިޓީ އަދި އެންޖީއޯތަކާއެކު މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރިއަށްގެންދެވުނު ވަރަށް މުހިންމު ބައްދަލުވުމެއް ކަމަށެވެ.

އަޒްހާ ވިދާޅުވީ، މި ބައްދަލުވުމުގައި އެކްސްޕްލޮއިޓޭޝަން ނުވަތަ ނާޖާއިޒު ފައިދާ ނެގުމުގެ އަމަލުތަކުގެ ޝިކާރައަކަށްވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ގުޅިގެން ކުރެވޭނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ. އަދި މިފަދަ މައްސަލަތަކުގެ ތަހުގީގީ އަދި ޤާނޫނީ މަރުހަލާ ކުރިއަށްދާއިރު، ބިދޭސީންނަށް ތަރުޖަމާކޮށްދޭނެ ފަރާތްތައް ނެތުމަކީ ގިނަ އިދާރާތަކުން ފާހަގަކުރި ބޮޑު ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ޓްރާންސްލޭޓަރުން ހޯދުމުގައި ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާއި، އިންވެސްޓިގޭޝަން މަރުހަލާގައި ފޯރުކޮށްދޭންޖެހޭ ސައިކޯ ސޯޝަލް ސަޕޯޓާއި ލީގަލް ސަޕޯޓު ފޯރުކޮށްދިނުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވާހަކަދެކެވުނެވެ. "މި ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ވަނީ ބިދޭސީންގެ މައްސަލަތަކާއި ގުޅިގެން އެބޭފުޅުންނަށް އެންމެ ބޮޑަށް ދިމާވާ ގޮންޖެހުންތައް ހިއްސާކޮށްދެއްވާފަ. އަދި އެކަންތައްތައް ހައްލުކޮށްދެއްުމަށް އެންމެން އެކީގަ ގުޅިގެން ކުރެވިދާނެ ކަންތައްތަކާއި ބެހޭ ގޮތުންވެސް މަޝްވަރާކުރެވިގެންދިޔަ،" އަޒްހާ ވިދާޅުވިއެވެ.

އިންސާނީ ވަގުފާރީގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް މީގެ ކުރިންވެސް ދާޚިލީ ވުޒާރާއިން ވަނީ ތަމްރީނު ޕްރޮގްރާމުތަކެއް ބާއްވާފައެވެ. އެ ވުޒާރާއިން ގަބޫލުކުރާ ގޮތުގައި މިފަދަ ތަމްރީނުތަކުގެ ސަބަބުން އިންސާނީ ވަގުފާރީގެ މައްސަލަތައް މަދުކުރެވި، މި މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450