ޚަބަރު
ކަރާޗީގެ ގުލް ޕްލާޒާގައި ހިނގި އަލިފާނުގެ ހާދިސާގައި ގިނަ ބަޔަކު މަރުވުމާ ގުޅިގެން ރައީސް މުޢިއްޒު ތައުޒިޔާ ފޮނުއްވަވައިިފި
ޕާކިސްތާނުގެ ކަރާޗީގައި ހުންނަ ގުލް ޕްލާޒާގައި އަލިފާން ރޯވުން. ފޮޓޯ: އަލްޖަޒީރާ
ޕާކިސްތާނުގެ ކަރާޗީގެ ގުލް ޕްލާޒާގައި ހިނގި ނުރައްކާތެރި އަލިފާނުގެ ޙާދިސާގައި އެތައް ބަޔަކު މަރުވުމާ ގުޅިގެން، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެޙްބާޒް ޝަރީފަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ޕާކިސްތާނުގެ ބޮޑުވަޒީރަށާއި، ސަރުކާރަށާއި، ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި މި ހިތާމަވެރި ޙާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ކެތްތެރިކަން ދެއްވުން އެދިވަޑައިގެންފައެވެ.
މީގެ އިތުރުން، ރައީސްގެ މެސެޖުގައި މި ޙާދިސާގައި ޒަޚަމްވި އެންމެހާ ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައިވެއެވެ. އަދި މި ހިތާމަވެރި ޙާދިސާއިން އަރައިގަތުމަށް ޕާކިސްތާނުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޕާކިސްތާނުގެ ކަރާޗީގެ މަޝްހޫރު ޝޮޕިން މޯލެއް ކަމަށްވާ ގުލް ޕްލާޒާގައި ހިނގި މި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 21 އަށް އަރާފައެވެ. މި ޙާދިސާ ހިނގާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ.
މި ޙާދިސާގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ސަލާމަތީ ބާރުތަކުން ގިނަ ވަގުތުތަކެއް ހޭދަކޮށްފައިވާއިރު، އިމާރާތުގެ ތެރޭގައި ތާށިވެފައި ތިބި މީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން އަދިވެސް ދަނީ ކުރަމުންނެވެ.