Ads by Stelco

ޚަބަރު

މިދިޔަ އަހަރު ޕީއެސްއައިޕީއަށް 8.6 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވޭ

މިދިޔަ އަހަރު ޕީއެސްއައިޕީއަށް 8.6 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވޭ

ގދ. ނަޑެއްލާ އައު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުން. ފޮޓޯ: އިމާރާތްކުރުމާ ބެހޭ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 ޖެނުއަރީ 2026، 03:47

21 ޖެނުއަރީ 2026، 03:47

ނިމިދިޔަ އަހަރުގެ ތެރޭގައި ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ މަޝްރޫޢުތަކަށް ޖުމްލަ 8.6 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

ޕީއެސްއައިޕީ މަޝްރޫޢުތަކަކީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ތަރައްޤީގެ މުހިންމު މަސައްކަތްތަކެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރު އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ދަތުރުފަތުރުގެ ދާއިރާގެ މަޝްރޫޢުތަކަށެވެ. މީގެ ތެރޭގައި ބަނދަރު ހެދުމާއި، ބުރިޖު އެޅުމުގެ އިތުރުން އެއާޕޯޓު ތަރައްޤީކުރުމުގެ މަސައްކަތްތައް ހިމެނެއެވެ. ވަކިވަކި މަޝްރޫޢުތަކަށް ބަލާއިރު، އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ އެއާޕޯޓުތައް ތަރައްޤީކުރުމަށެވެ. އެގޮތުން އެއާޕޯޓުތަކަށް އެކަނިވެސް 3.4 ބިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ދާއިރާތަކުން ކުރި ޚަރަދުތަކުގެ ތަފްސީލް
މިދިޔަ އަހަރުގެ ތެރޭގައި އެކި ދާއިރާތަކުން ކޮށްފައިވާ ޚަރަދުތަކަށް ބަލާއިރު:
• ދަތުރުފަތުރުގެ ދާއިރާ: 4.7 ބިލިޔަން ރުފިޔާ
• ބިން ހިއްކުމުގެ މަޝްރޫޢުތައް: 1.2 ބިލިޔަން ރުފިޔާ
• ތިމާވެށި ޙިމާޔަތްކުރުން: 696 މިލިޔަން ރުފިޔާ
• ޞިއްޙީ ދާއިރާ: 460 މިލިޔަން ރުފިޔާ
• ފެނާއި ނަރުދަމާ: 366 މިލިޔަން ރުފިޔާ
• ބޯހިޔާވަހިކަން: 204 މިލިޔަން ރުފިޔާ

މިދިޔަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫޢުތަކަށް 12.4 ބިލިޔަން ރުފިޔާ ކަނޑައަޅާފައިވެއެވެ. ނަމަވެސް އަހަރު ނިމުނުއިރު ޚަރަދުވެފައިވަނީ 8.6 ބިލިޔަން ރުފިޔާއެވެ. މާލީ ވުޒާރާއިން ވިދާޅުވީ، ބަޖެޓު ކުރި މިންވަރަށްވުރެ ޚަރަދު ކުޑަވުމަކީ މަޝްރޫޢުތައް ހިންގުމުގައި ޚަރަދުތައް ހަރުދަނާ ގޮތެއްގައި ބަލަހައްޓަމުންދާކަމުގެ ހެއްކެއް ކަމަށެވެ.

ކުރިއަށް އޮތް ތަނުގައިވެސް ޕީއެސްއައިޕީ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ދައުލަތަށް އެންމެ ފައިދާހުރި ގޮތްތަކަށް ބަލާނެކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450