ޚަބަރު
ހުޅުމާލޭ ފޭސް 3 ބިންހިއްކުމުގެ 77 އިންސައްތަ މަސައްކަތް ނިންމާލައިފި
ހުޅުމާލޭ ފޭސް 3: ފޮޓޯ- އެމްއޭސީއެލް
ފަރުދުން
03 ޖެނުއަރީ 2026، 08:09
03 ޖެނުއަރީ 2026، 08:09
ހުޅުމާލޭ ފޭސް 3 ބިންހިއްކުމުގެ 77 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ އެމްއޭސީއެލްއިން ހާމަކޮށްފިއެވެ.
އެމްއޭސީއެލްއިން ވިދާޅުވީ، 3 ވަަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތުގެ ދަށުން 49 ހެކްޓަރުގެ ބިން މިހާރު ހިއްކާ ނިމިފައިވާ ކަަމަށެވެ. މިއީ މި މަޝްރޫއުގެ %77.78 މަސައްކަތެވެ. ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ނިންމާލުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.
Hulhumalé Phase 3 Land Reclamation Project Update:
— Maldives Airports Company Ltd (@MACLmedia) January 3, 2026
Land reclamation work has reached 77.78% completion, with 49 hectares reclaimed, reflecting steady progress in line with planned works. pic.twitter.com/XmF9HU67b8
މާލެ ސަރަޙައްދުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކުރުމުގެ ގޮތުން ގޯތި ދިނުމަށް ނިންމާފައިވާ ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑުގައި މިހާރު ކުރިއަށްދާ ކަމަށްގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެފައި ވެއެވެ. ހަމައެއާއެކު މިހާރު ތާވަލްކުރެވިފައިވާ ގޮތުން މިމަހުގެ 20 އަށް ބިން ހިއްކުމުގެ މަސައްކަތް ނިންމާލެވޭނެކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.
ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫޢުއަކީ، މާލެ ސަރަޙައްދުން ގޯތި ދޫކުރުމަށް ފެށި "ބިންވެރިޔާ" މަޝްރޫޢުގެ ދަށުން ހުޅުމާލެއިން ދޫކުރުމަށް ކަނޑައެޅި ގޯތިތައް ދިނުމަށް ހިއްކާ ސަރަޙައްދެކެވެ. އެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން 3 ސަރަޙައްދަކަށް ބަހާލައިގެން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތް އަވަސް ކުރުމަށްޓަކައި ސަރުކާރުން ވަނީ، އެއްފަހަރާ 22,000 ކިއުބިކް މީޓަރުގެ ވެލި ނެގޭވަރުގެ ބޮޑު ދެ ޑްރެޖަރު ރާއްޖެ ގެނެސްފައެވެ. މީގެ ތެރެއިން ބޮސްކާލީސްގެ ޓްރެއިން ސަކްޝަން ހޮޕަރ ޑްރެޖަރު ބޭނުން ކޮށްގެން ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ ނޮވެމްބަރު 28 ގައެވެ. 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ނިމުމުން، މިހާރު ބޭނުން ކުރާ ބޮޑު ޑްރެޖަރުތައް ދެން ބޭނުންކުރާނީ، ގުޅިފަޅުގެ ބިން ހިއްކުމުގެ މަސައްކަތަށެވެ.