ޚަބަރު
ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުގައި ޗައިލްޑް ހެލްތު ކްލިނިކްގެ ޚިދުމަތްތައް ފަށައިފި
ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރު
މާލެ ސަރަޙައްދުގައި ޤާއިމުކުރެއްވި ފުރަތަމަ އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރުގައި ޗައިލްޑް ހެލްތު ކްލިނިކްގެ ޚިދުމަތްތައްދޭން ފަށައިފިއެވެ.
އައިޖީއެމްއެޗުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުޑަކުދިންނަށް ވިޓަމިން އޭ ދިނުމާއި، އެ ކުދިންގެ ހެދިބޮޑުވުން މޮނިޓާކުރުމާއި، ތުއްތު ކުދިންނަށް ގާތުން ކިރު ދިނުން ފަދަ ޚިދުމަތްތައް އެ ކްލިނިކުން މިހާރު ލިބޭނެ ކަމުގައެވެ. މި ޚިދުމަތް ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން ހަވީރު 15:30 އަށް ލިބޭނެއެވެ. އަދި ކުދިންގެ ހެދިބޮޑުވުން ބެލުމަށްޓަކައި ކުރިއަށްގެންދާ ގްރޯތު މޮނިޓަރިންގ ޚިދުމަތް ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 14:00 އަށް ލިބޭނެއެވެ.
މީގެ އިތުރުން، ކުޑަކުދިންގެ ވެކްސިން ދިނުމުގެ އިންތިޒާމުތައްވެސް މި ސެންޓަރުގައި ވަނީ ހަމަޖައްސާފައެވެ. އެގޮތުން ޗައިލްޑް ވެކްސިނޭޝަން ޚިދުމަތް އާދިއްތަ، އަންގާރަ އަދި ބުދަ ދުވަހު ހެނދުނު 08:30 އިން ހަވީރު 15:30 އަށް ދިނުމަށް ހަމަޖެހިފައިވާއިރު، ހޯމަ އަދި ބުރާސްފަތި ދުވަހު މި ޚިދުމަތް ދޭނީ ހެނދުނު 08:30 އިން މެންދުރު 12:00 އަށްކަމަށްވެސް އައިޖީއެމްއެޗުން ހާމަކޮށްފައިވެއެވެ.
We are pleased to announce that Child Health Clinic services are now available at Urban Primary Health Care Centre, Maafannu - from 28th December 2025.
— IGMH (@igmhmv) December 27, 2025
Please read further for more information. pic.twitter.com/tFTSOmQlr7
ހަމައެއާއެކު، ތުއްތުކުދިންނާއި ކުޑަކުދިންނަށް ކާން ދިނުމާ ގުޅޭ އިންފޭންޓް އެންޑް ޔަންގް ޗައިލްޑް ފީޑިން ކައުންސެލިންގވެސް މި ސެންޓަރުން ލިބޭނެ އިންތިޒާމުތައް ހަަމަޖެހިފައިވާއިރު، އެޕޮއިންމެންޓް ހައްދައިގެން ދަތުރުތައް ކުރައްވާ ފަރާތްތަކަށް ވެކްސިން ޖަހާދިނުމުގެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖެހިފައެވެ.
ޞިއްޙީ ނިޒާމު ވަރުގަދަކުރެއްވުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ ދަށުން، މާލެ ސަރަޙައްދުގައި ޤާއިމުކުރެއްވި ފުރަތަމަ އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރުގެ ހުޅުވާފައިވަނީ މިދިޔަ ނޮވެންބަރު މަހުގެ 19 ވަނަ ދުވަހުއެވެ.