ޚަބަރު
ކައުންސިލް އިންތިޚާބަށް މުވައްޒިފުން ހޮވަން ބާއްވާ ވޯކް އިން އިންޓަރވިއު މިއަދު ބާއްވަނީ
އިލެކްޝަންސް ކޮމިޝަނަށް މުވައްޒިފުން ނެގުމަށް ބޭއްވި ވޯކް އިން އިންޓަވިއުއެއް. ފޮޓޯ: އިލެކްޝަންސް ކޮމިޝަން
އަންނަ އަަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަށް ބޭނުންވާ މުވައްޒަފުން ނެގުމަށް މިއަދު ވޯކް-އިން އިންޓަވިއުތަކެއް ކުރިއަށް ގެންދަން އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވެއްޖެއެވެ.
މި އިންޓަވިއުތައް ކުރިއަށްދާނީ، މިއަދު ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ކަލާފާނު ސްކޫލުގައެވެ.
އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއްވާ ގޮތުގައި، މި މަސައްކަތުގެ ދަށުން އިއްޔެވެސް ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ކާމިލް ދީދީ ޕްރައިމަރީ ސްކޫލްގައި އިންޓަވިއުތަކެއް ކުރިއަށް ގެންގޮސްފައެވެ. މިއީ އިންތިޚާބުގެ އިދާރީ މަސައްކަތްތަކަށް ބޭނުންވާ ޤާބިލު މުވައްޒަފުން ހޯދުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.
އިންތިޚާބުގެ މަސައްކަތްތަކަށް މުވައްޒަފުން ބޭނުންވާ ދާއިރާތަކުގެ ތެރޭގައި ހިޔުމަން ރިސޯސް، އެޑްމިނިސްޓްރޭޝަން، މީޑިއާ، ޕަބްލިކް ރިލޭޝަންސް، އިންފޮމޭޝަން ޓެކްނޮލޮޖީ، ފައިނޭންސް އަދި ލީގަލް ދާއިރާ ހިމެނެއެވެ. މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވޯކް-އިން އިންޓަރވިއުއަށް ހާޒިރުވާއިރު އައިޑީ ކާޑާއި، ތަޢުލީމީ ސެޓްފިކެޓް އަދި ސީވީގެ ކޮޕީ ގެނައުމަށް އެ ކޮމިޝަނުން އެދެއެވެ.
މި ހަރަކާތުގެ ތެރެއިން ވަޒީފާގެ ފުރުޞަތުތަކާއި ގުޅޭ މަޢުލޫމާތު ދިނުމާއި، ވަޒީފާއަށް އެދޭ ފޯމް ފުރުމާއި، ރަޖިސްޓްރީ ކޮށްދިނުމުގެ އިތުރުން އެޕްލިކޭޝަން ސްކްރީން ކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އަދި ޝަރުތު ހަމަވާ ފަރާތްތަކާއި އިންޓަރވިއުކޮށް، މަޤާމަށް ބޭނުންވާ ހުނަރުތަކަށް ބިނާކޮށް އަމަލީ ޓެސްޓު ދިނުމުގެ އިންތިޒާމްތައްވެސް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން، ވޯޓުލާ ދުވަހު ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށްވުމަށް ބޭނުންވާ ފަރާތްތަކަށް މައި ޕޯޓަލް މެދުވެރިކޮށް އެޕްލައި ކުރާނެގޮތުގެ މަޢުލޫމާތު ދިނުންވެސް މި އިންޓަވިއުތަކުގެ ތެރޭގައި ކުރިއަށްދާނެއެވެ. މިއީ ގިނަ ބަޔަކަށް އިންތިޚާބުގެ މަސައްކަތުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ކުރާ މަސައްކަތެކެވެ.
ކައުންސިލް އިންތިޚާބަށް މުވައްޒަފުން ހޯދުމަށް މިއަހަރުގެ އޮގަސްޓު މަހުވެސް ވޯކް-އިން އިންޓަވިއުތަކެއް ބޭއްވިއެވެ. އެ ފަހަރުގެ އިންޓަވިއުތަކުގައި 250 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.