ޚަބަރު
އާދީއްތަ ދުވަހު ނ އަތޮޅާއި ރ އަތޮޅު ގުޅުވާލަނީ
އާރުޓީއެލްގެ ޚިދުމަތް ބ އަތޮޅުގައި ފެށުން / ފޮޓޯ: ދަތުރުފަތުރާ ބެހޭ ވުޒާރާ
މިއަންނަ އާދީއްތަ ދުވަހުން ފެށިގެން ނ އަތޮޅާއި ރ އަތޮޅާއި ދެމެދު އާރުޓީއެލްގެ ޚިދުމަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ތައްޔާރުވެއްޖެއެވެ.
އެމްޓީސީސީއިން ހާމަކޮށްފައިވާ ގޮތުގައި، މިއީ ދިވެހިރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ދެވަނަ ފިޔަވަހި ތަންފީޒު ކުރަން ފެށުމެވެ. އެގޮތުން މިހާރު ތައްޔާރުވެފައި ވަނީ، ހައި ސްޕީޑު ފެރީގެ ނިޒާމުން ޒޯން 2 ގެ ނ އަތޮޅާއި ރ އަތޮޅު ގުޅުވާލުމަށެވެ.
އެމްޓީސީސީއިން އިތުރަށް ހާމަކުރީ، މި ދޭތެރޭގައި ބޭނުންކުރާނީ 32 މީހުންގެ ޖާގައިގެ ފެރީއެއް ކަމަށެވެ. އަދި މި ފެރީގައި އެންސްޕާގައި ރަޖިސްޓްރީ ވެފައިވާ ހާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދެ ސީޓު ޚާއްޞަކޮށްފައިވާނެކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.
މި ދެ އަތޮޅު ފެރީގެ ނިޒާމުން ގުޅުވާލުމަށް ނިންމާފައިވާއިރު، މި ދެ އަތޮޅުގެ އެތެރޭގެ ދަތުރުތަކަށް އާރުޓީއެލް ފެރީގެ ޚިދުމަތް އަންނަނީ ދެމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ނ އަތޮޅުގައި އެ ޚިދުމަތް ފެށިއިރު، ރ އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފަށާފައި ވަނީ މި އަހަރުގެ ޖުލައި މަހުއެވެ.
މި ދެ އަތޮޅު ގުޅުވާލުމާއެކު، މި ކަމުގެ އެންމެ ބޮޑު ފައިދާއެއް ކުރާނެކަމަށް ބެލެވެނީ ނ އަތޮޅުގެ ރައްޔިތުންނަށެވެ. އެއީ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަކީ ބޭސް ފަރުވާއާ ގުޅުންހުރި ޚިދުމަތްތަކަށް ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ހޮސްޕިޓަލަކަށްވެފައި ވުމެވެ.
ސިއްޙީ ޚިދުމަތްތައް ހޯދުމަށް މިހާރު ވެސް ނިސްބަތުން ނ އަތޮޅުގެ ގިނަ ބަޔަކު އެ ރަށަށް ދެއެވެ. އަދި މިހާރު އެ ރަށަށް ނ. އަތޮޅުން ގިނަ ބަޔަކު ދަނީ އަމިއްލައަށް ލޯންޗު ކުއްޔަށް ހިފައިގެންކަމުން، އާރުޓީއެލް ފެރީއިން ދެ އަތޮޅު ގުޅުވާލުމަކީ ގިނަ ބަޔަކަށް ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ.
ނ އަތޮޅުން ރ އަތޮޅަށް ދަތުރުކުރާ ފެރީ ފުރަން ހަމަޖެހިފަނި ވަނީ މަނަދޫއިން ހެނދުނު 8:30ގައެވެ. ދިގު ދަތުރަކަށްފަހު އުނގޫފާރަށް އެ ފެރީއަށް ދެވޭނެކަމަށް ލަފާކޮށްފައި ވަނީ 9:50އަށެވެ. އަދި އަނބުރާ މަނަދޫއަށްދާ ފެރީ ފުރަނީ މެންދުރުފަހު 2:30ގައެވެ. އެ ފެރީ މަނަދޫއަށް ފޯރާނެކަމަށް ލަފާކޮށްފައި ވަނީ 3:50 އަށެވެ.
މި ދަތުރުތަކަށް ވެސް ޓިކެޓު ނަގަން ޖެހެނީ އާރުޓީއެލް ވެބްސައިޓް ނުވަތަ އެޕްލިކޭޝަން ބޭނުންކޮށްގެންނެވެ. މި ދަތުރުގެ އަގަކީ ކޮޅަކަށް މީހަކަށް 140 ރުފިޔާއެވެ. އެހެންކަމުން ދެ ކޮޅަށް 280 ރުފިޔާއެވެ.
ރާއްޖޭގެ ރަށްތަށް ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަށް 2022ވަނަ އަހަރު އެމްޓީސީސީއިން ފެށި މަޝްރޫޢުގެ ދަށުން، މި ޚިދުމަތް ފޯރުކޮށްދެނީ 6 ޒޯނަކަށް ރާއްޖެ ބަހާލައިގެންނެވެ. މިހާތަނަށް 12 އަތޮޅެއްގައި ވަނީ މި ޚިދުމަތް ފަށާފައެވެ. އެންމެ ފަހުން އާރްޓީއެލްގެ ޚިދުމަތް ފަށާފައިވަނީ ތ އަތޮޅުގައެވެ.
ކުރިއަށް އޮތް 5 މަސް ދުވަހުގެ ތެރޭގައި އާރްޓީއެލްގެ ޚިދުމަތް ނުފެށި ހުރި ހުރިހާ އަތޮޅެއްގައި އެ ޚިދުމަތް ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ މިދިޔަ މަހު ވިދާޅުވެފައެވެ.