ޚަބަރު
ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
ރައްޔިތުން މަޖިލިސް އިދާރާ
ފަރުދުން
27 ނޮވެމްބަރު 2025، 07:20
27 ނޮވެމްބަރު 2025، 07:20
ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދުކުރުމަށް ހުށަހެލި އިސްލާޙުތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ކައުންސިލަރުންގެ އަދަދު މަދުކުރަން ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހެވެ. އެ ބިލަށް ކޮމިޓީ މަރުހަލާގައި ގެނައި އިސްލާހުތަކުގެ އިތުރުން، މަޖިލީހުގެ ތަޅުމުގައި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވަނީ އިސްލާހެއް ހުށަހަޅާފައެވެ. ސަރުކާރުންވެސް ވަނީ ކުދި ރަށްރަށުގެ ކައުންސިލަރުންގެ އަދަދު މަދުކުރަން ނިންމާފައެވެ. މިކަމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިއީ ޚަރަދުކުޑަކުރަން އަޅާ ފިޔަވަޅެއް ކަމުގައެވެ.
ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާޙުގެ ސަބަބުން ރަށު ކައުންސިލްތަކުގެ މެންބަރުންގެ އަދަދު އާބާދީއާ ގުޅުވައިގެން ކަނޑައެޅޭނެއެވެ. އާ އިސްލާޙުގެ ދަށުން 2000 މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ރަށްރަށުގެ ކައުންސިލްގައި ކައުންސިލް ރައީސް ހިމެނޭހެން ތިބޭނީ ތިން ކައުންސިލަރުންނެވެ. އަދި 2000 އަށްވުރެ ބޮޑު އާބާދީގެ ރަށްރަށުގައި ކައުންސިލް ރައީސް ހިމެނޭހެން ފަސް ކައުންސިލަރުން ތިބޭނެއެވެ. ތިން ކައުންސިލަރުން ތިބޭ ކައުންސިލްތަކުގައި އެއް ގޮނޑި އަންހެނުންނަށް ޚާއްސަ ކުރެވޭނެއިރު، ފަސް ކައުންސިލަރުން ތިބޭ ކައުންސިލްތަކުގައި ދެ ގޮނޑި އަންހެނުންނަށް ޚާއްސަ ކުރެވޭނެއެވެ.
ޤާނޫނަށް ގެނައި އިސްލާޙުގެ ދަށުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންގެ އަދަދު ކައުންސިލަރުންގެ އަދަދާ އެއްވަރުވާނެއެވެ. އަދި ޑަބްލިއުޑީސީގެ ރައީސް އިންތިޚާބު ކުރާނީ ކައުންސިލް ރައީސް އިންތިޚާބު ކުރާ އުސޫލުން ކަމަށް ކަނޑައަޅާފައިވާއިރު، އެ މަޤާމަކީ ފުލްޓައިމް މަޤާމެއް ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. މީގެ އިތުރުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށް އިންތިޚާބުވާ ކައުންސިލަރަކު އެ ޕާޓީއަކުން ވަކިވެއްޖެނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭނެ ގޮތަށްވެސް އިސްލާޙު ވަނީ ހިމަނާފައެވެ.
ރައްޔިތުންގެ މަޖިލީހުން މީގެ އެއްދުވަސް ކުރިން ވަނީ އަތޮޅު ކައުންސިލްތައް އުވާލަންވެސް ފާސްކޮށްފައެވެ.