ވިޔަފާރި / ޚަބަރު

ރާއްޖޭގެ 2 މިލިޔަން ވަނަ ފަތުރުވެރިޔާއަށް ހޫނު މަރުޙަބާއެއް!

ރާއްޖޭގެ 2 މިލިޔަން ވަނަ ފަތުރުވެރިޔާއަށް ހޫނު މަރުޙަބާއެއް!

މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި 2 މިލިޔަން ވަނަ ފަތުރުވެރިޔާއަށް މަރުޙަބާ ކިއުން ފޮޓޯ: ފަރުދުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 ނޮވެމްބަރު 2025، 03:25

27 ނޮވެމްބަރު 2025، 03:25

މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި 2 މިލިޔަން ވަނަ ފަތުރުވެރިޔާއަށް، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި މިފަދަ ބޮޑު ކުރިއެރުމެއް ހޯދުމަކީ މިދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކެއްގެ ބުރަ މަސައްކަތުގެ ނަތީޖާއެއްކަމަށް ފާހަގަކުރެއެވެ.

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި 2 މިލިޔަން ވަނަ ފަތުރުވެރިޔާއަކީ އިނގިރޭސިވިލާތުގެ ރައްޔިތެއްކަމަށްވާ ބެތަނީ ސޭރާ އެވެ. އޭނާ ރާއްޖެއައީ އޭނާގެ ފިރިމީހާއާއެކު ހަނީމޫނަށެވެ. މިއީ އޭނާ ރާއްޖެ އައި ފުރަތަމަ ފަހަރު ކަމަށް ވެސް ވެއެވެ. ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ބެތަނީ ސޭރާއަށް މަރުޙަބާ ކިޔުމަށް ބޭއްވުނު ޚާއްސަ ހަފްލާގައި ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ބެތަނީ ސޭރާ ބުނީ، މިއަހަރު ރާއްޖެއަށް އައި 2 މިލިޔަން ވަނަ ފަތުރުވެރިޔާގެ ލަޤަބު ލިބުނީތީ ވަރަށް އުފާވާ ކަމަށެވެ. ދިވެހިންނަކީ ވަރަށް ހިތްހެޔޮ އެކުވެރި ބައެއްގެ ގޮތުގައި އޭނާ ވަނީ ސިފަކޮށްފައެވެ. އަދި ރާއްޖެއަށް އޭނާ ދޭނީ 10އަކުން 10 އެއްކަމަށް ވެސް ބެތަނީ ސޭރާ ވަނީ ބުނެފައެވެ.

މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން އައުމަކީ މި ދާއިރާގައި މަސައްކަތްކުރާ ހުރިހައި ފަރާތެއްގެ ބުރަ މަސައްކަތާއެކު ހާސިލުކުރެވުނު ކާމިޔާބީއެއްކަމަށެވެ. މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު ރާއްޖޭގެ ފަތުރުވެރިކަން ބޮޑު ކުރިއެރުމެއް ހޯދާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެން ހުރިހައި އެންމެންގެ ބުރަ މަސައްކަތުން އަޅުގަނޑުމެންގެ އަންވޭވަރިން ކޮމިޓްމަންޓްސް މިކަމަށް ދީގެން މިހާތަނަށް ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ފުޅާކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންމިދަނީ. މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު ފަތުރުވެރިން އައި އަދަދު %9.8 އާއި %10 އާއި ދޭތެރޭގައި އިތުރުވެއްޖެ. މިއީ ވަރަށް މުހިންމު އަދަދެއް އިތުރުވެގެންމިދިޔައީ

ވަޒީރު ޠާރިޤު  

ރާއްޖެއަށް ފުރަތަމަ ފަހަރަށް 2 މިލިޔަން ފަތުރުވެރިން އައީ މިދިޔަ އަހަރުއެވެ. އެ އަހަރު 2 މިލިޔަން ފަތުރުވެރިން ހަމަވީ ޑިސެމްބަރ 26 ވަނަ ދުވަހުއެވެ. މިއަހަރު 2 މިލިޔަން ފަތުރުވެރިން ހަމަވީ މިދިޔަ އަހަރާއި އަޅާބަލާއިރު 1 މަސްދުވަހު ކުރިންނެވެ. މީގެއިތުރުން، މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. ޗައިނާއިން މިހާތަނަށް ރާއްޖެއަށް 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ. މިހާރު އެވްރެޖްކޮށް ރާއްޖެއަށް ދުވާލެއްގެ މައްޗަށް 6000 އަށްވުރެ ގިނަ ފަތުރުވެރިން އާދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން