ޚަބަރު
މުވައްޒަފަކަށް ޖިންސީ ގޯނާކުރުމުގެ ކުށް ސާބިތުވެ، ފެރިދޫ ކައުންސިލުގެ ރައީސް ސަސްޕެންޑްކޮށްފި
އއ. ފެރިދޫ ކައުންސިލުގެ ރައީސް، އިސްމާޢީލް ޝާހު.
ފަރުދުން
27 ނޮވެމްބަރު 2025، 03:16
27 ނޮވެމްބަރު 2025، 03:16
މުވައްޒަފަކަށް ޖިންސީ ގޮތުން ފުރައްސާރަކުރިކަން ސާބިތުވެ، އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލުގެ ރައީސް އިސްމާޢީލް ޝާހު ސަސްޕެންޑުކުރުމަށް، ލޯކަލް ގަވަރންމެންޓް އޮތޯރިޓީ (އެލް.ޖީ.އޭ.)އިން އަދު ނިންމައިފިއެވެ.
ޝާހު ކައުންސިލުގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރުމުގެ މައްސަލަ އެންމެ ފުރަތަމަ ބަލާފައިވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލުންނެވެ. އެ ތަނުން މިދިޔަ ސެޕްޓެންބަރު މަހު ބުނީ، އެ ކުށް މަދަނީ މިންގަނޑުތަކުން ސާބިތުވާ ކަމަށެވެ. ވުމާ އެކު، މައްސަކައާ ގުޅޭ ތަޙުޤީޤުތައް އެލް.ޖީ.އޭ.އިން ވަނީ ހިންގާފައެވެ.
ތަޙުޤީޤަށް ފަހު އެލް.ޖީ.އޭ.އިން މިއަދު ޢާންމުކުރި ނޫސްބަޔާނެއްގައި ބުނީ، ޖިންސީ ފުރައްސާރައިގެ މައްސަލަ ސާބިތުވާ ކަމަށް ކަނޑައެޅުމުން، ކައުންސިލުގެ ރައީސްގެ މައްޗަށް ޤާނޫނުން މަތިކޮށްފައިވާ ޒިންމާއާ ޚިލާފުވެފައިވާކަން ފާޅުވެފައިވާ ކަމަށެވެ.އަދި ކައުންސިލްގެ ޙައިސިއްޔަތާއި ޤަދަރު ނެގެހެއްޓުމަށް، ކައުންސިލަރުންނަކީ ވަކި ސުލޫކީ ހަމަތަކަކާއި އުޞޫލުތަކެއް ގެންގުޅެން ޖެހޭ ބަޔެއް ކަމުގައި ވީ ނަމަވެސް، ޝާހުގެ ފަރާތުން ފެނުނީ އެއާ ޚިލާފު ޢަމަލުތަކެއް ކަމަށް ވެސް ބަޔާނުގައި ވެއެވެ.
މި މައްސަލަ އެލް.ޖީ.އޭ.އިން ބަލަން ފެށުމާ އެކު، އެ ކަމަށް ޖަވާބުދާރީވުމަށް ޝާހަށް ހަތް ދުވަހުގެ މުހުލަތެއް ދީފައިވެއެވެ. އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމީ ޤާނޫނާ ޚިލާފަށް ކަމަށް އޭނާ ބުނި ނަމަވެސް، އެ ކަމާ ގުޅޭ އެއްވެސް ހެއްކެއް ދައްކާފައި ނުވާ ކަމަށް އެލް.ޖީ.އޭ.ގެ ބަޔާނުގައި ބުނެފައިވެއެވެ.
ވީމާ، އއ. ފެރިދޫ ކައުންސިލުގެ ރައީސް، އިސްމާޢީލް ޝާހު، ތިން މަސް ދުވަހުގެ މުއްދަތަކަށް މަޤާމުން ސަސްޕެންޑުކުރުމަށް ވަނީ ނިންމާފައެވެ. މި މުއްދަތުގައި އޭނާއަށް މުސާރައެއް ވެސް އަދި އެއްވެސް ޢިނާޔަތެއް ވެސް ނުލިބޭނެއެވެ.