ޚަބަރު
އޯޓީޕީ ހޯދައިގެން އެކައުންޓް ކޮމްޕްރޮމައިޒްވާ ސްކޭމްތައް އިތުރުވާތީ، އެކަމަށް ސަމާލުވުމަށް ފުލުހުން އެދިއްޖެ
ސްކޭމް އެލަރޓް--
އޯޓީޕީ ހޯދައިގެން އެކައުންޓް ކޮމްޕްރޮމައިޒްވާ ސްކޭމްތައް އިތުރުވާތީ، އެކަމަށް ސަމާލުވުމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އެދިއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ސްކޭމްގެ 100 އަށްވުރެ ގިނަ މައްސަލަ ރިޕޯޓް ކޮށްފައިވާކަމަށް ފުލުހުންގެ ޚިދުމަތުގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ.
ފުލުހުންގެ ޚިދުމަތުން އިތުރަށް ވިދާޅުވީ، މި މައްސަލަތަކުގައި ޖުމްލަ 1,051,290.33 ރުފިޔާ ފޭރިގަނެފައިވާ ކަމަށެވެ. އެހެންކަމުން، އެންޓި ސްކޭމް ސެންޓަރުން ވަނީ ސްކޭމް ކޯލެއް އަތުވެއްޖެނަމަ ފޯން ކަނޑާލުމަށް ފަހު އެ ނަންބަރު ބްލޮކް ކުރުމަށް އެދިފައެވެ. އަދި ފޯނަށް އަންނަ އޯޓީޕީ އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް އެދި ފުލުހުން ވަނީ ސްކޭމަރުން އަންނަނީ ކުރިން ބޭނުންކުރި ނަންބަރެއް ކަމަށް ބުނެ ފޯނަށް އޯޓީޕީ ފޮނުވައިގެން އެކައުންޓްތަކަށް އެކްސެސް ވަމުން އަންނަކަން ފާހަގަކުރައްވާފަ އެވެ.
ފުލުހުންގެ އެންޓި ސްކޭމްގެ ސެންޓަރުން ޢާންމުކޮށްފައިވާ މަޢުލޫމާތުތަކުން ދައްކާގޮތުގައި، ސްކޭމްގެ މައްސަލަތަކުގައި އެންމެ ގިނައިން ބޭނުންކޮށްފައި ވަނީ ފޯންކޯލާއި، އައިބޭ އާއި އޮންލައިންކޮށް މެސެޖު ކުރެވޭ މަންސަތަކާއި ފިޝިންގ ލިންކުތައް އަދި ފޭސްބުކް މާކެޓް ޕްލޭސްއެވެ. އެގޮތުން، މިކަމަށް ރައްކާތެރިވުމަށް ފައިސާ ދިނުމުގެ ކުރިން އެ ފަރާތެއްގެ ޞައްޙަކަން ކަށަވަރުކުރުމަށާއި، ޒާތީ މަޢުލޫމާތު އެއްވެސް ގޮތަކަށް ހިއްސާނުކުރުމަށާއި، އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓަރ އޮތެންޓިކޭޝަން ހެދުމަކީ މިފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއްކަމަށް ފުލުހުން ފާހަގަކުރައްވައެވެ.
މަކަރާއި ހީލަތުގެ މައްސަލަތައް ރިޕޯޓުކުރުމަށް ނޭޝަނަލް އެމަރޖެންސީ ކޯލް ސެންޓަރު 911 ނުވަތަ 125 އަށް ގުޅުއްވައި، ނުވަތަ [email protected] އަށް އީމެއިލް ކުރުމުން ފުލުހުން ވަނީ އެދިފައެވެ.