ޚަބަރު
ޕޮލިޓެކްނިކްގެ 'އުތުރުހުވަދޫ ފަންނު އެކްސްޕޯ 2025' ވިލިނގިލީގައި ފަށައިފި
އެކްސްޕޯގެ ތެރެއިން/ފޮޓޯ: ޕޮލިޓެކްނިކް
މޯލްޑިވްސް ޕޮލިޓެކްނިކް އިން 'އުތުރުހުވަދޫ ފަންނު އެކްސްޕޯ 2025' ގެ ނަމުގައި ގއ. ވިލިނގިލީގައި ތަފާތު ފަންނުތައް ދައްކުވައިދޭ އެކްސްޕޯއެއް ފަށައިފިއެވެ.
މޯލްޑިވްސް ޕޮލިޓެކްނިކް އިން މަޢުލޫމާތުދޭ ގޮތުގައި މި އެކްސްޕޯގައި ތަފާތު އެކި ތަކެތި ކޮންމެ ދުވަހެއްގެ ވެސް ހަވީރު 16:00 އިން ރޭގަނޑު 22:00 އަށް ލިބެން ހުންނާނެއެވެ.
ޕޮލިޓެކްނިކްގެ ގއ. ވިލިނގިލީ ކެމްޕަހުގެ ފަރާތުން އެ ރަށުގައި، ދިވެހިރާއްޖޭގައި ނެތެމުންދާ އެތަށް ފަންނުތަކަކުން ދިވެހިން ތަމްރީނުކުރުމަށް ތަފާތު ޕްރޮގްރާމްތައް ކުރިއަށްގެންދެއެވެ. އެގޮތުން، މި އެކްސްޕީއަކީ މި ފަންނުތައް ޢާންމުންނަށް ދައްކައިލުމަށް ކުރިއަށް ގެންދާ ޚާއްޞަ އެކްސްޕޯއެއް ކަމަށް ޕޮލިޓެކްނިކުން މަޢުލޫމާތުދެއެވެ. މި އެކްސްޕޯގައި، ކުރެހުންތަކާއި، ލަނކުނޑިން ތައްޔާރުކޮށްފައިވާ ތަކެތި، ކެލިގްރަފީ، ލިޔެލާޖެހުން އަދި އެނޫން ވެސް ފަންނުވެރިން އުފައްދަވައިވާ އެކި ތަކެތި ފެންނަން ހުންނާނެކަމަށް ޕޮލިޓެކްނިކް އިން ވިދާޅުވެއެވެ.
މީގެ އިތުރުން، މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ވުޑްކަރވިން، އިލެކްޓްރިޝަން، ގެސްޓް ހައުސް މެނޭޖްމަންޓް، ވެލްޑިންގ ފަދަ ދާއިރާތަކުން ޒުވާނުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންގޮސްފައި ވެއެވެ. އަދި ދިވެހިރާއްޖޭގައި ނެތެމުންދާ ފަންނުތައް ދިރުވާ ޢާލާކުރުމަށާއި، އަތޮޅުތެރޭގެ ރަށްރަށުގައި ފަންނުތައް ދިރުވާ ޢާލާކުރުމަށް ޕޮލިޓެކްނިކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.