ޚަބަރު
ކުޑަ ކުއްޖަކަށް ޖިސްމާނީ އަނިޔާކޮށް ބިރުދެއްކި ފުލުހެއްގެ މައްސަލަ ބަލަނީ
ޝަހީދު ހުސެއިން އާދަމް ބިލްޑިންގ--
ކުޑަ ކުއްޖަކަށް ޖިސްމާނީ އަނިޔާވެދާނެ ޢަމަލެއްކޮށް، ބިރުދައްކާފައިވާކަމަށް ތުހުމަތުކުރެވޭ ފުލުހެއްގެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މަހުގެ 21 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ސައުތު ސެންޓްރަލް ސަރަޙައްދުގެ ރަށެއްގެ ފުޓްސަލް ދަނޑުގައި ކުޅެން އުޅުނު ކުދިންތަކެއްގެ މެދުގައި އުފެދުނު ހަމަނުޖެހުމަކާއި ގުޅިގެން، އެތަނުން ކުއްޖެއްގެ ޢާއިލީ މަސްލަޙަތު އޮންނަ ފުލުހަކު އެހެން ކުއްޖަކަށް ޖިސްމާނީ އަނިޔާވެދާނެ ޢަމަލެއްކޮށް ބިރުދައްކާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވާކަމަށެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ މިމަހުގެ 22 ވީ ހޮނިހިރު ދުވަހުކަމަށެވެ. އަދި މި މައްސަލައިގެ ޖިނާޢީ ތަހުޤީގެއް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، މި މައްސަލައިގައި ތުހުމަތު ކުރެވެނީ ފުލުހެއްގެ މައްޗަށްކަމަށްވުމުން އެކަމާއި ގުޅިގެން ބަލަންޖެހޭ އިދާރީ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބަލަމުންދާކަމަށް ވެސް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލައާއި ގުޅޭ އިތުރު އެއްވެސް މަޢުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.