ޚަބަރު
ޢަބްދުރަޙްމާންގެ މަރުގެ މައްސަލައިގަ ތިން މީހަކަށް ޤަސްތުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ކުރަނީ
ޢަބްދުއްރަޙްމާން
ފަރުދުން
19 ނޮވެމްބަރު 2025، 01:03
19 ނޮވެމްބަރު 2025، 01:03
އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރާލި އުމުރުން 65 އަހަރުގެ އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ މައްޗަށް ދަޢުވާ ކުރުމަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
މިދިޔަ ޖުލައި މަހުގެ 13ގައި އަނިޔާވެރިކޮށް މަރާލި މައްސަލައިގަ ހައްޔަރުކޮށްފައިވަނީ، އއ. މާޅޮސް/ފިޔަ، އަހްމަދު އާޝިދާއި، އއ. މާޅޮސް/ލިލީފެހި، މުޙައްމަދު ވިސާމާއި އއ. މާޅޮސް/ފިނިވާގެ، އަހުމަދު ފާރިސެވެ.
ޕީޖީ އޮފީހުން ވިދާޅުވީ، އާޝިދުގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ވިސާމާއި، ފާރިސްގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ ކުރުމަށް ޕީޖީ އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ، ޢަބްދުއްރަޙްމާންގެ ހަށިގަނޑު މާލެ ގެނެސް، ޕޯސްޓްމޯޓަމެއްވެސް ހަދާފައެވެ. އިންޑިޔާއިން ޕޯސްޓްމޯޓަމް ހެދުމަށްފަހު އޭނާގެ ޖަނާޒާ ބޭއްވީ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ. ޢަބްދުއްރަހްމާން ނިޔާވީ، ލިބިފައިވާ ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް ޖުލައި 13 ވަނަ ދުވަހުއެވެ. މިކަމާއި ގުޅިގެން ފުލުހުންގެ ޓީމެއް މާޅޮހުގައި ހަރަކާތްތެރިވެފައިވެއެވެ. ޢަބްދުއްރަޙްމާން މަރާލާފައި އޮއްވާ ފެނިފައިވަނީ އޭނާ ދިރިއުޅޭ ގޭތެރެއިންނެވެ