ޚަބަރު
އައްޑޫ ހިތަދޫ ފެނުގެ ޚިދުމަތަށް ބުރޫ އަރައިފި، މައްސަލަ ޙައްލުކުރުމަށް މަސައްކަތްކުރަނީ
އައްޑޫ ސިޓީ ހިތަދޫ. ފޮޓޯ: މޯލްޑިވްސް ޖަރނަލް.
ފަރުދުން
18 ނޮވެމްބަރު 2025، 03:39
18 ނޮވެމްބަރު 2025، 03:39
ފެނަކަ ކޯޕަރޭޝަނުން އައްޑޫ ސިޓީ ހިތަދުއަށް ފޯރުކޮށްދޭ ފެނުގެ ޚިދުމަތަށް ބުރޫ އަރައިފިއެވެ.
ފެނަކައިން ބުނީ، ފެނުގެ ޓްރާންސްފަރ ލައިނަކަށް ދިމާވި މައްސަލައަކާ ގުޅިގެން ހިތަދުއަށް ދޫކުރާ ފެނުގެ ޚިދުމަތަށް ބުރޫ އަރައި، އެ ރަށުގައި ފެން ލިބުމުގައި ދަތިތަކެއް ކުރިމަތިވަމުންދާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ފެނުގެ ޓްރާންސްފަރ ލައިނަށް ދިމާވި މައްސަލައެއްގެ ސަބަބުން، ބައެއް ސަރަޙައްދުތަކުގައި މި ވަޤުތު ފެން ފޯރުކޮށްދިނުމުގެ ނިޒާމަށް ވަޤުތީ ދަތިތަކެއް ކުރިމަތިވެފައިވާތީވެ، މިއަދު ފެން ލިބުމުގައި ކަސްޓަމަރުންނަށް ދަތިތަކެއް ކުރިމަތިވަމުންދާނެ ވާހަކަ ސަމާލުކަމަށްޓަކައި ދަންނަވަން." ފެނަކައިން ބުންޏެވެ.
ފެނުގެ ޓްރާންސްފަރ ލައިނަށް ދިމާވި މައްސަލަ ވީހައިވެސް އަވަހަށް ޙައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އައްޑޫ ސިޓީއަށް ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނި ކަމުގައިވާ ފެނަކައިން ބުނެއެވެ.
ފެނަކައިން އިއްޔެ ވެސް ވަނީ ފެނުގެ ޓްރާންސްފަރ ލައިނަށް ދިމާވި މައްސަލައެއްގެ ސަބަބުން، ބައެއް ސަރަޙައްދުތަކުގައި ފެން ލިބުމުގައި ދަތިތައް ކުރިމަތިވާނެ ކަމަށް އިޢުލާންކޮށްފައެވެ.
އިއްޔެ ބައެއް ސަރަޙައްދުތަކަށް ފެނުގެ ހިދުމަތް މެދުކެނޑުނީ ހެނދުނު 9:30އިން ފެށިގެންނެވެ. އޭގެ ފަހުނ ހުރިހައި ސަރަޙައްދަކަށް އަނބުރާ ފެނުގެ ޚިދުމަތް އިޢާދަކުރެވުނު ކަމެއް ޔަޤީންވެފައި ނުވެއެވެ.
އައްޑޫ ސިޓީގެ އިތުރުން، ފެނަކައިން ފެނުގެ ޚިދުމަތް ދެމުން އަންނަ ފުވައްމުލަކުގައި ވެސް ފެން ފޯރުކޮށްދިނުމަށް ދަތިތައް ކުރިމަތިވެ، ރަނގަޅު ފެނުގެ ޚިދުމަތް ނުލިބި ދެ ދުވަސް ފާއިތުވިއެވެ. ފުވައްމުލަކުން ފެނުގެ ޚިދުމަތް މެދުކެނޑުނީ ފެން ތަޣައްޔަރުވުމުގެ ސަބަބުންނެވެ.