ޚަބަރު
ދިވެހިރާއްޖޭގެ އަޑުން ބާއްވާ ކުރުވާހަކަ މުބާރާތާއި ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި
ޤުރުއާން ކިޔެވުން.
ފަރުދުން
18 ނޮވެމްބަރު 2025، 03:16
18 ނޮވެމްބަރު 2025، 03:16
ދިވެހިރާއްޖޭގެ އަޑުން އިންތިޒާމުކޮށްގެން ބާއްވާ ކުރުވާހަކަ މުބާރާތާއި، ކުޑަކުދީންގެ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި މުބާރާތްތަކުގެ ރިކޯޑިންގތައް ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހު ދިވެހިރާއްޖޭގެ އަޑުން ފޮނުވައެވެ.
ދިވެހިރާއްޖޭގެ އަޑުން ހާމަކުރި ގޮތުގައި، ކުރުވާހަކަ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ ޖަނަވަރީ މަހުގެ 15ވަނަ ދުވަހުގެ ކުރީން ޕީ.އެސް.އެމް.ގެ ވެބްސައިޓުގައިވާ ފޯމު ފުރިހަމަކުރުމަށް ފަހު ހުށައަޅަން ޖެހޭނެއެވެ. އަދި ޕީ.އެސް.އެމް. އެއާރ އެޕް މެދުވެރިކޮށް މި މަހުގެ 30ވަނަ ދުވަހުގެ ކުރީން ޤުރުުއާން މުބާރާތުގައި ބައިވެރިވާން ބޭނުންވާ ކުދީން، ނަން ނޯޓުކުރަން ޖެހޭނެ ކަމަށް ވެސް ދިވެހިރާއްޖޭގެ އަޑުގެ ފަރާތުން މަޢުލޫމާތު ދިނެވެ.
"ކޮންމެ އަހަރަކު ވެސް ގިނަ ޢަދަދެއްގެ ކުދީން ބައިވެރިވޭ. ޓީވީއާއި ރޭޑިޔޮއިން ގެންނާނީ، 40 މާކްސްއިން މަތީން ލިބޭ ކުދީންގެ ކިޔެވުންތައް." ޤުރުއާން މުބާރާތުގެ ޕްރޮޑިއުސަރ ޢާއިޝަތު ރިޒްމީ ވިދާޅުވިއެވެ.
"މުބާރާތަށް ވާހަކަ ކިޔުންތެރީންނަށް ދިވެހިރާއްޖޭގެ އަޑުން އެހީތެރިކަން ފޯރުކޮށްދޭނެ ވާހަކަ ރިކޯޑް ކުރުމުގައި. އެ ރިކޯޑިންގތައް ރޭޑިޔޮއިން އިއްވާނެ." ކުރު ވާހަކަ މުބާރާތުގެ ޕްރޮޑިއުސަރ ނާފިޒާ ޢަބްދުއްރަޝީދު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އަޑުގެ ކުޑަކުދީންގެ ޤުރުއާން މުބާރާތަކީ، ޅަކުދީންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބި ޖައްސައި، ކީރިތި ޤުރުއާން ކިޔެވުމުގެ ފަންނު އާލާކުރުމުގެ މަޤުޞަދުގައި ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ، 5 އަހަރާއި 12 އަހަރާ ދެމެދުގެ ކުދީންނަށެވެ.
ކުރުވާހަކަ މުބާރާތުގެ މަޤުޞަދަކީ، ދިވެހިބަހުގެ ކިޔުންތެރިކަމާއި ހުށަހެޅުންތެރިކަމުގެ ފަންނު ދިރުވައި އާލާކޮށް، އެ ފަންނާ މެދު މީހުން ޝައުޤުވެރި ކުރުވުމާ އެކު އަދަބީ ގޮތުންނާއި، ފިކުރީ ގޮތުން ފެންވަރު ރަނގަޅު އުފެއްދުންތަކަށް މަގުފަހި ކުރުމާއި އެ ފަދަ އުފެއްދުންތަކުގެ ޒަރީޢާއިން މުޖުތަމަޢަށް ރަނގަޅު މެސެޖުތަކެއް ފޯރުކޮށްދިނުމެވެ. މި މުބާރާތުގައި ލިޔުންތެރިއެއް އަދި ކިޔުންތެރިއެއްގެ ގޮތުގައި ބައިވެރިވެވޭނެއެވެ. މި ގޮތުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް މި މުބާރާތުގައި ބައިވެރިވެވޭނެ ކަމަށް ދިވެހިރާއްޖޭގެ އަޑުން ބުނެއެވެ.