ޚަބަރު
ނަފްސާނީ ބަލިތަކަށް ކުރާ ހުރިހާ ޚަރަދެއް އަންނަ ޖަނަވަރީ މަހުން ފެށިގެން އާސަންދައިން ލިބޭނެ: ރައީސް
ރައީސުލްޖުމްހޫރިއްޔާ ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ.
ފަރުދުން
18 ނޮވެމްބަރު 2025، 02:49
18 ނޮވެމްބަރު 2025، 02:49
ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް ކުރާ ހުރިހާ ޚަރަދެއް އަންނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އާސަންދައިން ފޯރުކޮށްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެ މަނިކުފާނުގެ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަ ކުރުމަށް ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަދުގެ ސަރުކާރަކީ އޯގާތެރި އަޅާލާ ސަރުކާރެއްގެ ގޮތުގައި ޞިފަކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ، އިޖުތިމާޢީ ރައްކާތެރިކަމުގެ ތެރެއިން ހިންގާ "ކޮންމެ ކުއްޖަކަށް ޢާއިލާއެއް" ޕްރޮގްރާމު ސަރުކާރުން ކުރިއަށް ގެންދިޔުމުގެ މަޤުޞަދަކީ ކުޑަކުދީންނާ މެދު އިހާނެތިކޮށް ހިތުން މި މުޖުތަމަޢުން ނައްތާލުން ކަމަށެވެ. އެ ގޮތުން، މި ޕްރޮގްރާމް ކާމިޔާބުކަމާ އެކު ކުރިއަށް ގޮސް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 101 ކުއްޖަކަށް މިހާރު ޢާއިލާތައް ހޯދައިދެވިފައިވާކަން ރައީސް ހާމަކުރެއްވިއެވެ.
ކުޑަކުދީންގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ ސަމާލުކަން ވެސް ދޭން ޖެހޭ ވަރަށް މީގެ ކުރީން ދެވިފައިނުވި ނަމަވެސް، މި ސަރުކާރުން ވަނީ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ސަރުކާރުގެ ކުންފުނިތަކާއި ސިވިލް ސަރވިސްގެ ތެރެއިން 333 ވަޒީފާ ހަމަޖައްސައިދީފައެވެ. މީގެ އިތުރުން، ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ދޭން ޖެހޭ ސަމާލުކަން ވެސް އެއްވެސް ސަރުކާރަކުން ދީފައިނުވާ ކަމަށާއި، ނަމަވެސް އެ މަރުކަޒު ތަރައްޤީކުރުމަށްޓަކައި ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް 50 މިލިއަން ރުފިޔާގެ މަޝްރޫޢެއް މި ސަރުކާރުން ފަށާފައިވާ ވެސް ރައީސް ވިދާޅުވިއެވެ.