ޚަބަރު
ރަސްމާލެއިން ޖުމްލަ 25،000 ގޯތި ދޫކުރާނެ: ރައީސުލްޖުމްހޫރިއްޔާ
ރައީސުލްޖުމްހޫރިއްޔާ ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ.
ފަރުދުން
18 ނޮވެމްބަރު 2025، 02:36
18 ނޮވެމްބަރު 2025، 02:36
ރަސްމާލެއިން ފުރަތަމަ ބުރުގައި 15،000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު، ޖުމްލަ ރަސްމާލެއިން 25،000 ގޯތި ދޫކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް 104 ހަފްތާ ވޭތުވުން ފާހަގަކުރުމަށް ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަސްމާލެއަކީ މޮޑަރން އީކޯ ސިޓީއެއްގެ ގޮތުގައި ކަނޑައެޅިފައިވާ ތަނެއް ކަމަށާއި، މުޅި ރަސްމާލޭގައި އޮންނާނީ ގޯތި ނޫން ކަމަށެވެ. އީކޯ ސިޓީއަކަށް ބޭނުންވާ އެހެނިހެން ތަންތަން ވެސް ރަސްމާލޭގައި ހުންނާނެ ނަމަވެސް، ރަސްމާލެއިން 25،000 ގޯތި ދޫކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ، މި މަޝްރޫޢު ވެގެންދާނީ މާލޭގައި ދިރިއުޅޭ މާލޭގެ ރައްވެހީންނާއި، މާލޭގައި ގިނަ ދުވަހު ދިރިއުޅޭ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާ ކަމުގައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ލިބޭ ދާއިމީ ޙައްލަކަށް ކަމަށެވެ.
ރަސްމާލެއިން ފުރަތަމަ ދޫކުރަނީ 1،200 އަކަ ފޫޓުގެ 15،000 ގޯއްޗެވެ. އޭގެ ތެރެއިން 10،000 ގޯތި މާލޭ ރަށްވެހީންނަށް ދޫކުރުމަށް ހަމަޖެހިފައިވާއިރު، ގޯތި ދޫކުރުމުގެ އުޞޫލު މިހާރު ވަނީ ޢާންމުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ރޭ ދެއްކެވި ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ޑިސެންބަރު މަހުގައި ބޮޑެތި ޑްރެޖަރުތައް ގެނެސް، އަންނަ އަހަރުގެ މާރިޗު އެޕްރީލް ޙިސާބަށް ރަސްމާލެ ހިއްކާ ނިންމާލެވޭނެ ކަމަށާއި، އަންނަ ޖަނަވަރީ މަހު ގޯއްޗަށް ހުޅުވާލައި، ހޮވޭ ފަރާތްތަކަށް ގޯތި ދެވޭނެ ކަމަށެވެ.
އަޅުގަނޑު ކަނޑަކުން ގޯއްޗެއް ނުދޭނަން، ހިކިފަސްތަނަކުން މި ދެނީ. ރަސްމާލެއިން ތިޔަ ބޭފުޅުންނަށް ގޯތި ލިބޭނެ ކުރިއަށް އޮތް ހަ މަސްތެރޭ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު