ވިޔަފާރި / ޚަބަރު

ކުރިން ފައިސާ ނުލިބުމުގެ ސަބަބުން މަސްދޯނިތަކުން ފޭބި އެތައް ޒުވާނުންނެއް މިހާރު އަނބުރާ ދޯނިތަކަށް!

ކުރިން ފައިސާ ނުލިބުމުގެ ސަބަބުން މަސްދޯނިތަކުން ފޭބި އެތައް ޒުވާނުންނެއް މިހާރު އަނބުރާ ދޯނިތަކަށް!

ރާއްޖޭގެ މަސްވެރިން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

18 ނޮވެމްބަރު 2025، 10:11

18 ނޮވެމްބަރު 2025، 10:11

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ސަރުކާރުން ދެއްވަމުން ގެންދަވާ ޚާއްސަ އިސްކަމާއެކު، މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަދަދު ދަނީ އިތުރުވަމުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރު ވެރިކަމަށް ވަޑައިގަތްތާ ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރެވުނު މުހިންމު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިކަމުގެ ދާއިރާ އޮތީ ވަރަށް ނިކަމެތިކޮށްލާފައެވެ. ނަމަވެސް، ސަރުކާރުން މަސްވެރިކަމުގެ ސިނާއަތަށް ޚާއްސަ އިސްކަމެއް ދެއްވައި، މި ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ.

މަސްވެރިންނަށް މަސް ފިނިކުރުމުގެ ފަސޭހަ ކޮށްދިނުމަށްޓަކައި، ރައީސް ވިދާޅުވީ، ސަރުކާރު ވެރިކަމާ ހަވާލުވިއިރު ހަލާކުވެފައި ހުރި އައިސްޕްލާންޓްތައް މަރާމާތުކޮށް، އަދި އަލަށް އެތައް އައިސްޕްލާންޓެއް ޤާއިމްކޮށް، ހަތަރު ރަށެއްގައި ވަނީ އައިސްޕްލާންޓް ހުޅުވާފައިކަމަށެވެ. މީގެ އިތުރުން، ބޯޓުފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ޤާއިމްކުރުމަށް ފޯރުކޮށްދޭ ލޯނުގެ އެހީގައި އެތައް ދޯންޏެއްގައި އާރްއެސްޑަބްލިއު ސިސްޓަމްތައް މިހާރު ޤާއިމްކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ބީއެމްއެލްއިން 200އަށް ވުރެ ގިނަ ފުރުސަތު އާރްއެސްޑަބްލިއު ޤާއިމްކުރުމަށް ހުޅުވާލާފައިވާއިރު، އެސްޑީއެފްސީ މެދުވެރިކޮށްވެސް މަސްވެރިންނަށް އެފަދަ ފުރުސަތުތައް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ މުހިންމު މަސައްކަތްތަކުގެ ތެރޭގައި އައިސްޕްލާންޓްތަކާއި ކޯލްޑް ސްޓޯރޭޖްތައް ޤާއިމްކުރުން ހިމެނޭކަން ފާހަގަކުރައްވައި، ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ސަރުކާރު ވެރިކަމާ ހަވާލުވިއިރު ހުރި 9500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ، ކުރިއަށް އޮތް ތިން އަހަރު ނިމޭއިރު 24500 ޓަނަށް އިތުރުވެގެންދާނެ ކަމަށެވެ. މިހާރު ފެށިފައި ހުރި މަސައްކަތްތައް ނިމިގެންދާއިރު މިކަން ހާސިލުވާނެ ކަމަށާއި، މީގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަސްވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށް ވެފައި އޮތް ކޫއްޑޫގައި މަސްކިރަން ބޭނުންކުރާ ކައްޓާ (ވޭތިން ސްކޭލް) ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ. މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ ވަނީ ޑިސެމްބަރު 10 ގެ ކުރިން ކޫއްޑޫގެ ކައްޓާތައް ޑިޖިޓަލް ވެގެންދާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. މިކަމުގެ ސަބަބުން މަސްވެރިންނަށް ކިރާ މަހުގެ އަގު ބަރާބަރަށް ލިބޭނެ ކަމަށާއި، މިހާރު ލިބެމުންދާ 16 ރުފިޔާގެ އަގު، 20 ރުފިޔާއާ ގާތްވެގެންދާނެކަމަށް ރައީސް ލަފާކުރެއްވިއެވެ. ކޫއްޑޫގައި ހިންގަމުންދާ ބޭރު ފަންޑެޑް ޕްރޮޖެކްޓުތަކާއި މިފްކޯއިން ކުރަމުންދާ މަސައްކަތްތައްވެސް މިހާރު ބާރު ދުވެއްޔެއްގައި ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ދާއިރާ އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި، މަސްވެރިންނަށް ފައިސާ ދޫކުރުން ހިމެނެއެވެ. ސަރުކާރުގެ ސިޔާސަތަކީ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުން ނަމަވެސް، މިހާރު ކޮންމެ ދުވަހަކުވެސް މަސްވެރިންނަށް ފައިސާ ދޫކުރަމުންދާ ކަމަށާއި، ބަންދު ދުވަސްތަކުގައިވެސް މަސްވެރިންނަށް ފައިސާ ލިބޭކަން ރައީސް ފާހަގަކުރެއްވިއެވެ.

މިކަމުގެ ހެޔޮ ނަތީޖާއެއްގެ ގޮތުން، ކުރިން ފައިސާ ނުލިބުމުގެ ސަބަބުން މަސްދޯނިތަކުން ފޭބި އެތައް ޒުވާނުންނެއް މިހާރު އަނބުރާ ދޯނިތަކަށް އަރަމުންދާކަން ރައީސް ވިދާޅުވިއެވެ. އެމަނިކުފާނުގެ އުންމީދަކީ، ދޯނިތަކުގައި ގެންގުޅޭ ބޭރު މީހުންގެ ބަދަލުގައި ދިވެހިން މަސްވެރިކަމަށް ނުކުތުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް ހުއްޓުމެއް ނެތި ދުވަހުން ދުވަހަށް މަސްވެރިންނަށް ފައިސާ ދެމުންދާނެކަމަށެވެ. އަދި އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް މިއަހަރު ނިމޭއިރު ކޮންމެ އަތޮޅަކުންވެސް އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެކަމަށާއި، ފަސޭހައިން އައިސް ލިބޭނެ ގޮތް ހަމަޖެއްސުމަށްވެސް މަސައްކަތް ކުރައްވަމުން ގެންދަވާނެކަމަށް ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން