ޚަބަރު
މަގުމަތިން ފުލުހުންގެ އެހީތެރިކަމަށް އެދުނު އަންހެނަކަށް ޖިންސީ އަނިޔާ ލިބިފައިވާކަން ހާމަވެއްޖެ
މާލޭގެ މަގުމަތި---
ފަރުދުން
18 ނޮވެމްބަރު 2025، 06:57
18 ނޮވެމްބަރު 2025، 06:57
މަގުމަތިން ފުލުހުންގެ އެހީތެރިކަމަށް އެދުނު އަންހެނަކަށް ޖިންސީ އަނިޔާ ލިބިފައިވާކަން ހާމަވެފައިވާކަމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިމަހުގެ 16ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި، މާލެ މަގުމަތިން ފުލުހުންގެ އެހީތެރިކަމަށް އެދުނު އަންހެނަކު އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށެވެ. އަދި އެ ހޮސްޕިޓަލުން ބެލުމަށްފަހު އޭނާއަށް ޖިންސީ އަނިޔާ ލިބިފައިވާކަމަށް ތުހުމަތު ކުރެވިގެން، ހަމަ އެދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
މި މައްސަލާގައި އަނިޔާ ލިބިފައިވަނީ 24 އަހަރުގެ ދިވެހި އަންހެނަކަށެވެ.
ފުލުހުން ބުނީ، މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުޤީޤު ކުރަމުންދާ ކަމަށާއި، އަދި އަނިޔާ ލިބިފައިވާ ފަރާތަށް ބޭނުންވާ ޞިއްހީ ފަރުވާ އާއި ސައިކޯ ސޯޝަލް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށެވެ.
މީގެ އިތުރުން، ޖިންސީ އަނިޔާގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކާ ގުޅޭ މަޢުލޫމާތު ފެތުރުމުގައި، އެ ފަރާތްތައް އިތުރަށް ވިކްޓިމައިޒް ނުކުރުމަށާއި، އަނިޔާ ލިބުނު ފަރާތާއި އެ އާއިލާގެ އިހުސާސްތަކަށް ފުރިހަމައަށް އިހުތިރާމްކޮށް، އަދި އެ ފަރާތްތަކުގެ ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތަކަށް އަމަލުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.