ޚަބަރު
އައިވީއެފް ފަރުވާއަށް މިހާތަނަށް 7.13 މިލިޔަން ރުފިޔާ ޚަރަދު ކޮށްފި
ދަރުމަވަންތަ ހޮސްޕިޓަލްގައި ހުންނަ ނޭޝަނަލް ފަރޓިލިޓީ ސެންޓަރ
ފަރޓިލިޓީ ކެއަރ ޓްރަސްޓް ފަންޑުގެ ދަށުން އައިވީއެފް ފަރުވާއަށް މިހާތަނަށް 7.13 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މި އަދަދު ދައްކަނީ މިދިޔަ އަހަރުގެ މާރިޗު މަހު މި ފުރުސަތު ހުޅުވާލި ފަހުން މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށެވެ.
އެންސްޕާގެ ތަފާސްހިސާބުތައް އިތުރަށް ދައްކާގޮތުން، މިދިޔަ އަހަރު އެކަނިވެސް އައިވީއެފް ފަރުވާއަށް 4.78 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ޖުމުލަ 93 ފަރާތަކަށް މި ފަންޑުން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، އޭގެތެރެއިން 23 ފަރާތެއްގެ ފަރުވާ ވަނީ ކާމިޔާބުވެފައެވެ. މިއީ ދަރިމައިވުމުގައި ދަތިތައް ހުންނަ ފަރާތްތަކަށް ދައުލަތުގެ ފަރާތުން ލިބޭ މުހިންމު އެހީތެރިކަމެކެވެ.
ދަރިމައިވުމުގައި ދަތިތައް ހުންނަ ފަރާތްތަކަށް އަމާޒުކޮށް މި ފަރުވާއަށް ދައުލަތުގެ އެހީ ހަމަޖައްސައިދިނުމުގެ މަސައްކަތް ފެށިފައިވަނީ 2023 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. ފަރޓިލިޓީ ކެއަރ ޓްރަސްޓް ފަންޑުގެ ދަށުން މި ފަރުވާ ހަމަޖައްސައިދިނުމަކީ، އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.
ދަރިމައިވުމަށް ބޭނުންވާ އައިވީއެފް ފަރުވާ އާސަންދައިގެ ދަށުން ހަމަޖައްސައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. މިހާރު ޓްރަސްޓް ފަންޑުން މި ޚަރަދު ހަމަޖައްސަމުންދާއިރު، ރައީސްގެ ވައުދާ އެއްގޮތަށް، އާސަންދައިގެ ދަށުން މި ޚިދުމަތް ފުޅާކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެކަމަށް ބެލެވެއެވެ.