ޚަބަރު
ތަރައްޤީވަމުން އަންނަ ޤައުމުތަކަށް މާލީ އެހީ ދިނުމުގައި އެމްވީއައި ބޭނުންކުރުމަށް ވަޒީރު ބާރުއަޅުއްވައިފި
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް. ފޮޓޯ: މޫސުމީ ބަދަލުތަކާއި ބެހޭ ވުޒާރާ
ކޮޕް-31 ސަމިޓުގެ ހަވާސާގައި ކުރިއަށްދިޔަ ކްލައިމެޓް ފައިނޭންސްއާ ގުޅޭ ހަތްވަނަ ބައިއީނިއަލް ހައިލެވެލް މިނިސްޓީރިއަލް ޑައިލޮގްގައި ވާހަކަފުޅު ދައްކަވަމުން، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި 'މަލްޓިޑައިމެންޝަނަލް ވަލްނަރަބިލިޓީ އިންޑެކްސް' (އެމްވީއައި) ބޭނުންކުރުމުގެ މުހިންމުކަން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ފާހަގަކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ތަޤުރީރު ކުރައްވަމުން ވަޒީރު ވިދާޅުވީ، މަލްޓިލޭޓަރަލް ޑިވެލޮޕްމަންޓް ބޭންކްތައް (އެމްޑީބީތައް) އަދި ބައިނަލްއަޤްވާމީ އެހެނިހެން މާލީ އިދާރާތަކުން ޤައުމުތަކުގެ ކުރިއެރުމާއި ނާޒުކު ހާލަތު ވަޒަންކުރާ މިންގަނޑެއްގެ ގޮތުގައި އެމްވީއައި ބޭނުންކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ހަމައެކަނި ޤައުމުތަކުގެ އާމްދަނީއަށް ނުވަތަ ޖީޑީޕީއަށް ބަލައިގެން މާލީ އެހީތެރިކަން ކަނޑައެޅުމަކީ މޫސުމީ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވާ ކުދި ޖަޒީރާ ޤައުމުތަކަށް އިންސާފުވެރި ގޮތެއް ނޫނެވެ.
އަދި ތިމާވެށީގެ ގޮތުންނާއި އިޤްތިޞާދީ ގޮތުން އެ ޤައުމުތައް ހުށަހެޅިފައިވާ ނާޒުކު ހާލަތް ދެނެގަނެވޭނީ މިފަދަ މަލްޓިޑައިމެންޝަނަލް އިންޑެކްސްއެއް ބޭނުންކޮށްގެން ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
Minister Ali Shareef speaking at the Seventh biennial high-level ministerial dialogue on climate finance, at the #COP31, highlighted the importance of using a multidimensional vulnerability index by the MDBs and other finance organizations as a measure of progress. https://t.co/nTc5Shz6C7
— Min. of Climate Change, Environment and Energy, MV (@MoEnvmv) November 14, 2026
މޫސުމީ ވިލުންތެރިކަން އިތުރުކުރުމަށް ޓަކައި ބޭނުންވާ ފައިސާގެ އެހީތެރިކަން ހޯދުމުގައި ހުރި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވަނީ، މާލީ އިދާރާތަކުން ފައިސާ ދޫކުރުމުގެ އުސޫލުތައް މުރާޖަޢާކޮށް، އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާ ޤައުމުތަކަށް ފަސޭހައިން ފައިނޭންސް ލިބޭނެ މަގު ފަހިކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
މި ޖަލްސާގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ވަޒީރުންނާއި މާލީ އިދާރާތަކުގެ އިސްވެރިން ބައިވެރިވެ، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން އިތުރުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.