Ads by Stelco

ޚަބަރު

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް މިރޭ ހުޅުވަނީ، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާނެ!

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް މިރޭ ހުޅުވަނީ، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާނެ!

ހަނިމާދޫ އެއަރޕޯޓު ކުރެހުމެއް--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

09 ނޮވެމްބަރު 2025، 01:18

09 ނޮވެމްބަރު 2025، 01:18

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް މިރޭ ހުޅުވުމަށް ހަމަޖެހިފައިވާއިރު، މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ހުޅުވުމަށް މިރޭ ބާއްވާ ޚާއްޞަ ރަސްމިއްޔާތުގައި، އެ އެއަރޕޯޓުގައި ފުރަތަމަ ފަހަރަށް އޭ-320 މަރުކާގެ މަތިންދާ ބޯޓެއް ޖެއްސުމަށް ވަނީ ހަމަޖެހިފައެވެ. މިއީ 150 މީހުންގެ ޖާގައިގެ ނެރޯ ބޯޑީ ފްލައިޓެކެވެ.

މި ރަސްމިއްޔާތު ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ސަރަޙައްދުގައި މިރޭ ކުރިއަށްދާއިރު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި، ދަޢުވަތު ދެއްވައިގެން ވަޑައިގަންނަވާ ޢިއްޒަތްތެރިންނާއި، ދައުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ އެކި ކުންފުނިތަކުގެ އިސްވެރިންނަށް މަރުޙަބާ ކިޔުމަށް ޚާއްޞަ ސަޤާފީ ޙަރަކާތެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. ހަމަ އެހެންމެ، މިރޭގެ ރަސްމިއްޔާތުގައި ހަވާ އެރުވުމުގެ ޙަރަކާތެއް ވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވެއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުން އެއަރބަސް އޭ320 އަދި ބޮއިންގ 737 މަރުކާގެ ފްލައިޓްތަކަށް ޚިދުމަތް ދެވޭނެގޮތަށް ފަރުމާކޮށްފައިވާއިރު، އެ އެއަރޕޯޓްގައި އެއްފަހަރާ 9 ފްލައިޓް ޕާކުކޮށްފައި ބޭއްވޭނެ އޭޕްރަންއެއް ވަނީ ތަރައްޤީކޮށްފައެވެ. އެގޮތުން، އެ އެއަރޕޯޓުގައި އެއަރބަސްގެ 3 ބޯޓާއި އޭޓީއާރްގެ 6 މަތިންދާ ބޯޓް އެއްފަހަރާ ޕާކުކުރެވޭނެއެވެ.

މި އެއަރޕޯޓަކީ، ދިވެހިވަންތަކަން ދައްކުވައިދޭގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ ފެންވަރުގެ އައު އެއަރޕޯޓަކަށްވާއިރު، މި އެއަރޕޯޓުގެ އައު ޓަރމިނަލަކީ 10،380 އަކަމީޓަރުގެ ބޮޑު ޓާމިނަލެކެވެ. އެގޮތުން، މި ޓާމިނަލްގެ އެންމެ ތިރީ ފަންގިފިލާ  އެތެރޭގެ އުދުހުންތަކަށް ބޭނުންކުރުމަށް ހަމަޖެހިފައިވާއިރު، މަތީ ފަންގިފިލާ ބޭނުންކުރާނީ އިންޓަރނޭޝަނަލް ދަތުރުތަކަށެވެ. އަދި ކޮންމެ ފަންގިފިލާއެއްގައި 2 ގޭޓު ހިމެނެއެވެ. މީގެ އިތުރުން، އަތޮޅުތެރޭގެ އެއަރޕޯޓެއްގައި ބޭނުންކުރާ ފުރަތަމަ އެއިރޯ ބްރިޖްވެސް ޤާއިމްކޮށްފައިވަނީ ހަނިމާދޫ އެއަރޕޯޓްގައިކަން ފާހަގަކޮށްލެވެއެވެ.

މި މަޝްރޫޢަކީ، ގާތްގަނޑަކަށް 2 ބިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢަކަށްވާއިރު، މިއީ އަހަރަކު 1.3 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ މިންވަރަށް ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ.

މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އުތުރުގެ ސަރަޙައްދުގެ ފަތުރުވެރިކަމަށް އިތުރު ބޮޑު ކުރިއެރުމެއް ލިބި، ސަރަޙައްދީ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ބެލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން