ވިޔަފާރި / ޚަބަރު
ބޭހަށް ކުރާ ހަރަދުން އަންނަ އަހަރު 49.9 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެކަމަށް ބަޖެޓުން ހާމަވެއްޖެ
ބަލްކް ޕްރޮކިއުމަންޓް އުސޫލުގެ ދަށުން ބޭސް އެތެރެކުރުން
ސަރުކާރުން ބޭސް އެތެރެކުރުމަށް ތަންފީޒުކުރަން ފަށާފައިވާ ބަލްކް ޕްރޮކިއުމަންޓް އުސޫލާއެކު، އަންނަ އަހަރު ގާތްގަނޑަކަށް 49.9 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެކަމަށް އަންނަ އަހަރަށް ލަފާކޮށްފައިވާ ދައުލަތުގެ ބަޖެޓުން ހާމަވެއްޖެއެވެ. ސަލާމަތްކުރެވޭ މިންވަރަށް މިބަދަލު އަންނާނީ، އެ އުސޫލުގެ ދަށުން 15 ބޭހެއް އެތެރެކުރުމުގެ ސަބަބުންނެވެ.
ދިވެހިރާއްޖޭގައި ބޭސްފަރުވާގެ ޚަރަދުތައް ހަމަޖައްސަނީ ޤައުމީ ހެލްތު އިންޝުއަރެންސްގެ ނިޒާމު ކަމަށްވާ އާސަންދައިގެ ދަށުންނެވެ. މިގޮތުން، އަހަރަކު ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ ބޭސް އެތެރެކުރުމަށް ދައުލަތުން ޚަރަދުކުރަމުން އަންނަ ކަން ފާހަގަކުރެވެއެވެ. ދުނިޔޭގެ އެހެން ޤައުމުތަކާ އަޅާބަލާއިރު ރާއްޖެއަށް ބޭސް އެތެރެކުރުމަށް ހޭދަކުރާ އިންސައްތަ ބޮޑުތަނުން އިތުރުކަން ސަރުކާރުން ފާހަގަކުރައްވައެވެ. މި މައްސަލައަށް ހައްލެއް ހޯދައި، އަގުހެޔޮކޮށް، ފެންވަރު ރަނގަޅު ބޭސް އެތެރެކުރުމުގެ މަޤްޞަދުގައި ބަލްކް ޕްރޮކިއުމަންޓް އުސޫލުން ބައެއް ބޭސްތައް އެތެރެކުރުމުގެ މަސައްކަތް މިދިޔަ އަހަރުން ފެށިގެން ވަނީ ތަންފީޒުކުރަން ފަށާފައެވެ.
މި އުސޫލުގެ ދަށުން 15 ބޭހެއް ގެނައުމުގެ މަސައްކަތް ކުރިއަށްދާއިރު، މިއަހަރުގެ އޮކްޓޫބަރު މަހާއި ހަމައަށް، މި ބޭސްތައް ގެނައުމަށް ކުރަމުންދިޔަ ޚަރަދުގެ ތެރެއިން 10 މިލިއަން ރުފިޔާ ސަލާމަތްކުރެވިފައިވާކަމަށް އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގައި ފާހަގަކޮށްފައިވެއެވެ. އަދި މިހާރު ކުރިއަށްދާ އުސޫލުގެ ދަށުން އަންނަ އަހަރު މި 15 ބޭސް ގެނައުމުން 49.9 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެކަމަށް ބަޖެޓުން ހާމަކުރެއެވެ.
ނަމަވެސް، މިދިޔަ އަހަރު އަންދާޒާ ކުރި މިންވަރަށް ބޭހަށް ކުރި ޚަރަދު ސަލާމަތްނުކުރެވުނީ، އަންދާޒާކުރެވުނު ދުވެލީގައި މި އިންތިޒާމުގެ ތެރެއިން ބޭސް އެތެރެނުކުރެވުމުން ކަމަށް ބަޖެޓުގައި ބުނެފައިވެއެވެ. ބޭސް އެތެރެކުރުމަށް އެޅުނު އެންމެ ބޮޑު ހުރަހަކީ، ގެންނަންޖެހޭ ބޭސްތަކާއި ބޭހުގެ މިންވަރު ދެނެގަތުމަށް ދިގު މުއްދަތެއް ހޭދަވުން ކަމަށްވެސް ފާހަގަކުރެވިފައިވެއެވެ.
ބަލްކް ޕްރޮކިއުމަންޓް އުސޫލުން ސަރުކާރުން ނިންމާފައިވާ ގޮތަށް "ނޭޝަނަލް އެސެންޝަލް މެޑިސިން ލިސްޓް"ގައި ހިމެނޭ ބޭސްތައް، ކަނޑައަޅާފައިވާ ޓައިމްލައިންއާ އެއްގޮތަށް ބޭސްތައް ގެންނަންވާ މިންވަރު ދެނެގަނެވި، އޯޑަރު ދިނުމާއި، ބޭސް އުފެއްދުމަށް އަދި ޑެލިވަރީއަށް ހޭދަވާ މުއްދަތުގެ ތެރޭގައި އެ މަސައްކަތް ކުރެވޭނަމަ، ބޭހުގެ ސްޓޮކް ހުސްނުވެ، ފެންވަރު ރަނގަޅު ބޭސް އެތެރެކުރެވޭނެކަމަށް ސަރުކާރަށް ކަށަވަރު ކުރެވޭނެކަމަށް ބަޖެޓުގައި ބަޔާންކޮށްފައިވެއެވެ.
މިކަމަށްޓަކައި، ބޭހުގެ ކޮންސަމްޕްޝަން ދެނެގަތުމާއި، ލޮޖިސްޓިކްސް އަދި ބޭސް ރައްކާކުރުމުގެ ކެޕޭސިޓީ މިހާރަށްވުރެ ހަރުދަނާކުރަންޖެހޭ ކަމަށް ބަޖެޓުގައި ވަނީ ފާހަގަކޮށްފައެވެ. ސަރުކާރުން އުފައްދާފައިވާ "ސްޓޭޓް ފާމަސޫޓިކަލްސް އެންޑް މެޑިކަލް ސަރވިސް ކޯޕަރޭޝަން" އާއެކު މިކަމަށް ހައްލެއް ގެނެވޭނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ. ހަމަ މިއާއެކު، ބޭސް އެތެރެކޮށް މެދުނުކެނޑި ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގައި ޕްރައިވެޓް ސެކްޓަރގެ ދައުރުވެސް މުހިއްމުކަން ބަޖެޓުގައި ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން، ހޮސްޕިޓަލްތަކަށް ބޭނުންވާ މެޑިކަލް ކޮންސިއުމަބަލްސްއާއި ދުރު ރާސްތާގައި މެޑިކަލް އިކުއިޕްމަންޓް ދެމެހެއްޓެނިވި ގޮތެއްގައި ހޯދޭނެ އިންތިޒާމުތަކެއް ހަމަޖައްސަންޖެހޭކަންވެސް ބަޖެޓުގައި ފާހަގަކޮށްފައިވެއެވެ.