ވިޔަފާރި / ޚަބަރު

ބޭންކުގެ ބޯޑުގެ ހުއްދައާއި ނުލައި އަދި ލޯނުދިނުމުގެ އުސޫލާ ޚިލާފަށް ފައިސާ ދޫކުރަމުންދާކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް : ބީއެމްއެލް

ބޭންކުގެ ބޯޑުގެ ހުއްދައާއި ނުލައި އަދި ލޯނުދިނުމުގެ އުސޫލާ ޚިލާފަށް ފައިސާ ދޫކުރަމުންދާކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް : ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް ފޮޓޯ: މޯލްޑިވްސް ފައިނޭންޝަލް ރިވިއު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

09 ނޮވެމްބަރު 2025، 11:14

09 ނޮވެމްބަރު 2025، 11:14

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ ކޮންމެ ފަރާތަކަށްވެސް ލޯނު ދޫކުރާނީ ހަރުދަނާ އުސޫލުތަކާ އެއްގޮތަށްކަމަށާއި، ބޭންކުގެ ބޯޑުގެ ހުއްދައާއި ނުލައި އަދި ލޯނުދިނުމުގެ އުސޫލާ ޚިލާފަށް ފައިސާ ދޫކުރަމުންދާކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފައެވެ. މިކަން ހާމަކޮށްފައިވަނީ، ރާއްޖޭގެ ބައެއް އަމިއްލަ ކުންފުނިތަކާއެކު ސަރުކާރުން ސޮއިކުރި މަޝްރޫޢުތަކުގެ ކޮންޓްރެކްޓަރުންނަށް ބޭންކުގެ ބޯޑުގެ ހުއްދައާއި ނުލައި އަދި ލޯނުދިނުމުގެ އުސޫލާ ޚިލާފަށް ފައިސާ ދޫކުރަމުންދާކަމަށް ތުހުމަތުކޮށް ދައްކަމުންދާ ވާހަކަތަކާ ގުޅިގެން، ބޭންކުން  ނެރުނު ބަޔާނެއްގައެވެ.

ބީއެމްއެލްއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ، ބޭންކުގެ ބޯޑާއި މެނޭޖްމަންޓުން މަސައްކަތްކުރަނީ ފުރިހަމަ ޕްރޫޑެންސާއި މިނިވަންކަމާއެކު ކަމަށެވެ. މިކަން ބޭންކުން ހިފަހައްޓަމުންދާ ކޯޕަރޭޓް ގަވަރނަންސާއި ބައިނަލްއަގްވާމީ މިންގަނޑުތަކުން ހާމަވާނެ ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ. ބޭންކުން ހިފަހައްޓަމުންދަނީ ބައިނަލްއަގްވާމީ ބޭންކިންގ ދާއިރާގެ އެންމެ ހަރުދަނާ މިންގަނޑުތައްކަމަށާއި، ބޭންކުގެ އޮނިގަނޑުތައް ގާއިމުކުރެވިފައިވަނީ ރާއްޖޭގެ ބޭންކިންގ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށްކަމަށް ބޭންކުން ފާހަގަކުރިއެވެ. މީގެ އިތުރުން، އެމްއެމްއޭއިން ކަނޑައަޅާފައިވާ ޕްރޫޑެންޝަލް ރެގިއުލޭޝަންތަކާއި ސްޓޭންޑަރޑްތަކުގެ އިތުރުން ބާސެލް III އަދި IFRS 9 ފަދަ ބައިނަލްއަގްވާމީ ހަރުދަނާ ސްޓޭންޑަރޑްތައް ބީއެމްއެލްއިން ހިފަހައްޓަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ. ބައިނަލްއަގްވާމީ އޮޑިޓް ފަރމްތަކުން ގަވާއިދުން ބޭންކު އޮޑިޓްކުރަމުން އަންނަ ކަމަށާއި، މިނިވަން އޮޑިޓްތަކުން ބޭންކުގެ ހިންގުމުގެ ހަރުދަނާކަން ކަށަވަރުކުރެވޭ ކަމަށްވެސް ބީއެމްއެލްއިން ވަނީ ބަޔާނުގައި ހިމަނާފައެވެ.

ބޭންކް ހިންގަމުންދަނީ ބޭންކުގެ ބޯޑުން ފާސްކުރާ ސްޓްރެޓެޖީގެ މައްޗަށް ކަމަށާއި، ހިންގުމުގެ އެކި ދާއިރާތަކަށް ބޯޑުން ކަނޑައަޅާ ޕޮލިސީތަކާ އެއްގޮތަށް، ބޯޑުން ނިންމަވާ ނިންމެވުމާއި ދެއްވާ ލަފަޔާއި އިރުޝާދުގެ ދަށުން ކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ. އެގޮތުން ބޭންކުން ދޫކުރާ ލޯނުތަކަކީ ބޭންކުގެ ކްރެޑިޓް ޕޮލިސީތަކާ އެއްގޮތަށް އަދި އެމްއެމްއޭއިން ކަނޑައަޅާފައިވާ ގަވާއިދުތަކާ އުސޫލުތަކާ އެއްގޮތަށް ދޫކުރާ ލޯނުތަކެއްކަމަށްވެސް ބީއެމްއެލްއިން ވިދާޅުވެއެވެ. އަދި ލޯނު ދެއްކުމުގެ ގާބިލުކަން ހުރި ނެތް މިންވަރާއި، ސިންގަލް ބޮރޯވަރ އެކްސްޕޯޝަރ އަދި ގްރޫޕް ބޮރޯވާ އެކްސްޕޯޝަރއަށްވެސް ބަލާނެކަމަށް އެބޭންކުން ފާހަގަކުރިއެވެ.

ބީއެމްއެލްއިން ވިދާޅުވި ގޮތުގައި، ލޯނު ދިނުމުގެ ކުރިން އެ ލޯނު އަނބުރާ ދެއްކުމުގެ ގާބިލުކަން ލޯނު ނަގާ ފަރާތަށް ލިބިގެންވަނީ ކިހާވަރަކަށްތޯ ބޭންކުން އަބަދުވެސް ބަލާނެއެވެ. އަދި ލޯނު ދޭނީ އަންޑަރ ރައިޓިން އުސޫލާ އެއްގޮތަށްކަމަށާއި، މިއީ ކޮންމެ ހާލަތެއްގައިވެސް ބޭންކުން ލޯނު ދޫކުރާނެ އުސޫލުކަމަށް ބީއެމްއެލްއިން ފާހަގަކުރައްވައެވެ. ސަރުކާރުގެ ޕްރޮޖެކްޓްތައް ލިބުނު ކުންފުނިތަކަކީ ބޭންކުގެ ކަސްޓަމަރުންކަމަށްވާނަމަ، ބޭންކުން މިހާރުވެސް އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން ލޯނަށް އެދެމުގެ ފުރުސަތު އޮންނާނެ ކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ. އަދި ވިޔަފާރީގެ އުސޫލުން މި ލޯނުތައް ދޫކުރުމުގައި ވެސް ކްރެޑިޓް ޕޮލިސީތަކުގައި ކަނޑައަޅާފައިވާ އެންމެހާ ކަންކަމަށް ބަލާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން އެކި ދާއިރާތަކަށް ލޯނުދޫކުރެވޭނެ މިންގަޑުތައްވެސް ބޭންކުގެ ބޯޑުން ކަނޑައަޅުއްވާފައިވެއެވެ. އޭގެތެރޭގައި ސީދާ ސަރުކާރުގެ ކަންކަމަށް ބޭންކުން އިންވެސްޓްކުރެވޭނެ މިންވަރާއި، ސަރުކާރުން ގެރަންޓީދީގެން އެކި ފަރާތްތަކަށް ލޯނު ދޫކުރެވޭނެ މިންވަރާއި، ސަރުކާރުން ލިބެންޖެހޭ ރިސީވަބަލްގެ މައްޗަށް ބިނާކޮށް އަމިއްލަ ފަރާތްތަކަށް ލޯނު ދޫކުރެވޭނެ މިންވަރުގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ލޯނު ދޫކުރެވޭނެ މިންވަރު ހިމެނެއެވެ.

މި އަހަރުގެ ތިންވަނަ ކުއާޓަރ ނިމުނުއިރު ބޭންކުގެ ޖުމްލަ ލޯން ޕޯޓްޕޯލިއޯ 23.7 ބިލިޔަން ރުފިޔާއަށް އަރާފައިވާ ކަމަށާއި، މި އަހަރުތެރޭ އަލަށް 6.5 ބިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.

ސެޕްޓެމްބަރުގެ ނިޔަލަށް އެކި ދާއިރާތަކުން ދޫކޮށްފައިވާ ލޯންތަކުގެ ތަފްސީލު:

  • ޓޫރިޒަމް: 8.71 ބިލިޔަން ރުފިޔާ
  • އަމިއްލަ ފަރުދުންނަށް: 5.34 ބިލިޔަން ރުފިޔާ
  • ޢިމާރާތްކުރުމަށާއި ގެދޮރުވެރިކަމަށް: 5.09 ބިލިޔަން ރުފިޔާ
  • ދަތުރުފަތުރާއި ކޮމިއުނިކޭޝަނަށް: 2.40 ބިލިޔަން ރުފިޔާ
  • ވިޔަފާރިތަކަށް: 1.04 ބިލިޔަން ރުފިޔާ
  • އެހެނިހެން ދާއިރާތަކަށް: 1.11 ބިލިޔަން ރުފިޔާ


ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ ތަރައްގީއާއި މުޖުތަމަޢުގެ ކުރިއެރުމަށް ބޮޑު އިންވެސްޓްމެންޓެއް ކުރާ ބޭންކަކަށް ވީހިނދު، ގައުމީ ތަރައްގީގައި ގައުމީ ބޭންކުގެ ހިއްސާ ވަރަށް ބޮޑެވެ. ނަމަވެސް އެބޭންކުން އަމަލުކުރަމުންދާނީ ބޭންކުގެ ޑިޕޮސިޓަރުންނާއި ހިއްސާދާރުންނާއި އެހެނިހެން ސްޓޭކްހޯލްޑަރުންގެ ހައްގުތައް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމުގެ ގޮތުން ގާއިމުކުރެވިފައިވާ ހަރުދަނާ ގަވަރނަންސް އުސޫލުތަކާއި ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށްކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ. އެހެންކަމުން ހަގީގަތް އޮޅޭފަދަ ގޮތަކަށް މައުލޫމާތު ނުފެތުރުމަށް ބީއެމްއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން