ޚަބަރު
ކޮޅުވެއްޓި ބަންޑުން ޖަހާލި ޙާދިސާ: އެމްޕީއެލްއިން އެތެރޭގެ ތަޙުޤީޤެއް ފަށައިފި
ކޮޅުވެއްޓި ބަންޑުން ޖަހާލި ޙާދިސާ
މާލޭ ވިޔަފާރި ބަނދަރު ސަރަޙައްދާ ދިމާއިން އާދިއްތަ ދުވަހު ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހިތާމަވެރި ޙާދިސާއާ ގުޅިގެން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެތެރޭގެ ތަޙުޤީޤެއް ފަށައިފިއެވެ. މި ޙާދިސާގައި އެމްޕީއެލްގެ ދެ މުވައްޒަފަކު ވަނީ ނިޔާވެފައެވެ.
ނިޔާވެފައިވަނީ އެމްޕީއެލްގެ ލޭބަރާރގެ މަޤާމުގައި ހުރި ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ މަސޫދު ހޮސެއިންއާއި ލޭބަރާރގެ މަޤާމު އަދާކުރަމުންދިޔަ ޢަލީ އަފްލާޙް އަބްދުاللهއެވެ. އެމްޕީއެލްއިން ވިދާޅުވީ، ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާއާ ގުޅޭގޮތުން ފަށާފައިވާ އެތެރޭ ތަޙުޤީގުން އެނގޭ މަޢުލޫމާތަށް ރިއާޔަތްކޮށް، އިތުރު މަޢުލޫމާތު އާންމުކުރެވޭނެކަމަށެވެ. މި ތަޙުޤީޤުގެ މަޤްޞަދަކީ ޙާދިސާ ހިނގަން މެދުވެރިވި ސަބަބުތައް ދެނެގަނެ، މިފަދަ ޙާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުން ކަމަށް ލަފާކުރެވެއެވެ.
މި ޙާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އާދިއްތަ ދުވަހުގެ ހަވީރު 3:44 ގައެވެ. ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ވަނީ ހަރަކާތްތެރިވެ، ބަންޑުން ޖަހާލި ކޮޅުވެއްޓީގައި ތިބި މީހުން ސަލާމަތްކުރުމަށް މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ. ފުލުހުން ވިދާޅުވީ، ކޮޅުވެއްޓީގައި ޖުމްލަ 14 މީހުން ތިބިކަމަށާއި، އޭގެތެރެއިން 5 މީހަކަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.