ޚަބަރު
ޑޮލަރު ފޭރުނު މައްސަލައިގައި ހިމެނޭ އެންމެން ވެސް ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ޑޮލަރު ފޭރުނު މައްސަލައިގެ ތުޙުމަތުގައި ހައްޔަރުކޮށްފައިވާ 4 މީހުން---
ފަރުދުން
03 ނޮވެމްބަރު 2025، 07:18
03 ނޮވެމްބަރު 2025، 07:18
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުންތަކެއް ހިފައިގެން ދިޔަ ބްރީފްކޭހެއް ފޭރިގަނެގެން ހައްޔަރުކުރި ހަތަރު މީހުން ވެސް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގައި ހިނގި މި ހާދިސާގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ލ. މާވަށް، ރޭޝަމް، އުމުރުން 24 އަހަރުގެ މާޒިން މޫސާ އާއި މ. ކޯރަސް އަޙްމަދު އުމުރުން 20 އަހަރުގެ ރައިހާން ނަޢީމްއާއި ކ. ގުރައިދޫ، އަޅިވިލާގެ އުމުރުން 24 އަހަރުގެ އިބްރާހީމް އަނޫފްގެ އިތުރުން ހަމައެގޭ އުމުރުން 30 އަހަރުގެ ޙުސައިން ޝަހުދުއެވެ.
މިކަން ހިނގާފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ފަތިހު ގާތްގަނޑަކަށް 4:45 ހާއިރުއެވެ. އެ ހާދިސާގައި ފޭރިގެންފައި ވަނީ އެއާރޕޯޓުގެ އައު ޓާރމިނަލްއަށް ވަނުމަށް ދިޔަ ދެ މުވައްޒަފަކު ހިފައިގެން ދިޔަ ބްރީފްކޭސްއެކެވެ. މި ޢަމަލު ހިންގިއިރު އެ މީހުން ތިބީ މޫނު ނިވާކޮށްގެންނެވެ.
އެ މީހުން ފޭރިގަނެފައިވާ ފައިސާގެ އަދަދު ރަސްމީކޮށް ހާމަކޮށްފައި ނުވިނަމަވެސް، 100،000އަށް ވުރެ ގިނަ ޔޫ.އެސް. ޑޮލަރު އެ ބްރީފްކޭހުގައި ހުއްޓެވެ. އަދި ޑޮލަރުތައް އަޅާފައި ހުރި ބްރީފްކޭސް ޖަހައިގަތްއިރު، އެ ތަނުގައި ފުލުހުންގެ ސެކިޔުރިޓީއަކު ޙާޟިރުގައި ނެތެވެ.
ފައިސާ ފޭރުމަށްފަހު ވެލާނާ އެއާރޕޯޓުން ފިލުމަށް މި މީހުން ބޭނުންކުރީ ލޯންޗެކެވެ. އެ ލޯންޗު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.