ޚަބަރު
މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި އޮޕަރޭޝަންތަކެއްގައި ލ. އަތޮޅުން ދެމީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި 2 މީހުން: ފޮޓޯ/ފުލުހުން
މަސްތުވާތަކެއްޗާ ދެކޮޅަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި އޮޕަރޭޝަންތަކެއްގައި ލ. ދަނބިދުއާއި ގަމުން ދެމީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ވިދާޅުވީ، މި ދެމީހުންގެ ތެރެއިން ލ. ގަން/ތުނޑި، ހުދުފަސް، ޔޫސުފް ނަސީމް (60އ) ހައްޔަރުކޮށްފައި ވަނީ އޮކްޓޫބަރު 30 ވަނަ ދުވަހު ގަމުގައި ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އެގޮތުން، ގަން ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ ތަކެތި އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ބޭނުންކުރާކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މިތަކެތީގެ ވަގުތީ ބަރުދަނަކީ 5.39 ގުރާމެވެ.
މީގެ އިތުރުން، އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު ދަނބިދޫގައި ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ލ. މުންޑޫ / ހީނާވިލާ، އަޙްމަދު ޝަފީޤް (55އ) އެވެ. މީނާ ހައްޔަރުކޮށްފައިވަނީ ދަނބިދޫ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ. ފުލުހުން ވިދާޅުވީ، ދަނބިދޫ ބަނދަރު މަތިން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށެވެ، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 46.32 ގުރާމެވެ.
މި 2 މައްސަލައާ ގުޅިގެން، ޔޫސުފް ނަސީމް (60އ) ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް، އަދި އަޙްމަދު ޝަފީޤް (55އ) ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި 2 މައްސަލަ ވެސް ފުލުހުން ގެންދަނީ އިތުރަށް ތަހުޤީގުކުރަމުންނެވެ.