ޚަބަރު
ގެސްޓްހައުސްއެއް ބަލައިފާސްކޮށް ހަތް މީހަކު ހައްޔަރުކޮށްފި، ފުލުހަކުވެސް ހިމެނޭ
ފުލުހުން މަގުމަތީ ހަރަކާތްތެރިވަނީ
ފަރުދުން
02 ނޮވެމްބަރު 2025، 12:07
02 ނޮވެމްބަރު 2025، 12:07
ގަވައިދާ ޚިލާފަށް ބަނގުރާ ގެންގުޅެ ބޭނުންކޮށް، އެތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވިދާޅުވީ، ގަވައިދާ ޚިލާފަށް ބަނގުރާ ގެންގުޅެ ބޭނުންކޮށް، އެތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި މިދިޔަ މަހުގެ 17 ވަނަ ދުވަހު ކ. ތުލުސްދޫގައި އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އެ އޮޕަރޭޝަނުގައި އެ ރަށުގެ ގެސްޓްހައުސްއެއް ބަލައިފާސްކޮށް ހަތް މީހަކު ހައްޔަރުކުރި ކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ. އޭގެ ތެރޭގައި 23 އަހަރުގެ ތިން ފިރިހެނުންނާއި 27 އަހަރުގެ އަންހެނަކާއި 20 އަހަރުގެ އަންހެން ހިމެނޭ ކަމަށާއި އެ އެންމެންނަކީ ވެސް ދިވެހީން ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، އެ މީހުން ތިބި ގެސްޓްހައުސްއިން ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 މިލިލީޓަރުގެ ދެ ފުޅިއާއި ތައްޓެއް ފެނުނު ނަމަވެސް އެ މީހުން ކޯޓަށް ހާޒިރުނުކޮށް ދޫކޮށްލާފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ ހައްޔަރުކުރި މީހުންގެ ތެރޭގައި އަންހެން ފުލުހަކު ހިމެނޭ ކަމަށެވެ. ކޮންސްޓެބަލް މަގާމުގައި ހުރި އެ އަންހެން މީހާ އެ މައްސަލައާ ގުޅިގެން ސަސްޕެންޑުކޮށްފައިވާ ކަމަށާއި އެ މައްސަލަ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުން ބެލުމަށް ފަހު ޑިސިޕްލިނަރީ ބޯޑަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެއާއެކު އެ މައްސަލަ ބޯޑަށް ހުށަހެޅުމުން އޭނާ ވަޒީފާއިން ވަކިކުރުމަށް ލަފާ ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.