ޚަބަރު
ރައީސުލްޖުމްހޫރިއްޔާ، ޖޭއެސްސީގެ މެންބަރުކަމުގެ މަޤާމަށް ޙުސްނީ މުބާރިކް ޢައްޔަންކުރައްވައިފި
ޖޭއެސްސީގެ މެންބަރުކަމަށް ޙުސްނީ މުބާރިކް ޢައްޔަންކުރެއްވުން/ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުކަމުގެ މަޤާމަށް ޙުސްނީ މުބާރިކް ޢައްޔަންކުރައްވައިފި އެވެ.
މި މަޤާމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު، ނ. މަނަދޫ/ގަސްކަރަ ޙުސްނީ މުބާރިކް ޢައްޔަންކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި، ޙުސްނީ މުބާރިކް ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ. ޙުސްނީ މުބާރިކަށް މެންބަރުކަމުގެ ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓްގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިނެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން ޙުސްނީ މުބާރިކާއި ޙަވާލުކޮށްދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ، ޖޭއެސްސީގެ މެންބަރުކަމަށް ޙުސްނީ މުބާރިކް ޢައްޔަންކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ ޙައިސިއްޔަތުންނެވެ.