ޚަބަރު
ބޮޑުފޮޅަދޫ ބަނދަރު ހެެދުން މި ފެށޭ ނޮވެމްބަރު މަހު ބަޔަކާ ހަވާލުކުރާނަން: ވަޒީރު މުއްޠަލިބް
ވަޒީރު މުއްޠަލިބް މަޖިލީހުގައި
ހުލާސާ
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ބަނދަރުގެ މަސައްކަތް އަންނަ ނޮވެމްބަރު މަހު ބަޔަކާ ހަވާލުކުރެވޭނެކަމަށް ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، ބަނދަރު ހެދުމަށްޓަކައި ކޮންސެޕްޓް ޕްލޭނެއް އެކުލަވާލުމަށް މިހާރު ކައުންސިލާއެކު މަޝްވަރާކުރަމުންދާ ކަމަށެވެ. އަދި މި ކޮންސެޕްޓް ޕްލޭން އެކުލަވާލައި ނިމުމާއެކު، އަންނަ ނޮވެންބަރު މަހު، މި މަސައްކަތް ބަޔަކާ ހަވާލުކުރެވޭނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ބޮޑުފޮޅުދޫ ބަނދަރުގެ ޢަމަލީ މަސައްކަތް ފަށާތާ 2 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިމޭނެ ކަމަށެވެ. މިއީ ރަށުގެ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ މަޝްރޫޢެކެވެ.
ބަނދަރުގެ ކޮންސެޕްޓް ޕްލޭންގެ މަސައްކަތްކުރިއަށްދާކަން ވަޒީރު ވިދާޅުވެފައިވާއިރު، މިދިޔަ ދުވަސްތަކުގައި ބޮޑުފޮޅުދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރައްޔިތުން އެދޭ ގޮތަށް ވީ އެންމެ ފުރިހަަމައަށް ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންގޮސްދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި މި މަޝްރޫޢުތައް ކުރިއަށްގެންދަވާނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއެކުކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.