Ads by Stelco

ޚަބަރު

"ޖެނެރޭޝަން ބޭން" އަށް މަރުހަބާ ކިޔަން 24 ގަޑިއިރުގެ ދުވުމެއް ބާއްވަނީ

"ޖެނެރޭޝަން ބޭން" އަށް މަރުހަބާ ކިޔަން 24 ގަޑިއިރުގެ ދުވުމެއް ބާއްވަނީ

ދުންފަތުގެ ބައެއް ބާވަތް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 އޮކްޓޯބަރު 2025، 07:02

28 އޮކްޓޯބަރު 2025، 07:02

 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނެ ކުދިންނަށް ދުންފަތް މަނާކުރާ ގާނޫނު، ނުވަތަ "ޖެނެރޭޝަން ބޭން" އަށް އަމަލުކުރަން ފެށުން ފާހަގަކުރުމުގެ ގޮތުން، 24 ގަޑިއިރުގެ ދުވުމެއް ބޭއްވުމަށް ހެލްތު މިނިސްޓްރީން ނިންމައިފި އެވެ. މި ދުވުމުގެ މަގްސަދަކީ ދުންފަތުން ދުރު ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ރައްޔިތުން ހޭލުންތެރިކުރުވުމެވެ.

ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އެކުވެނި ޓްރެކުގައި ބާއްވާ މި ދުވުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 4:00 ގައި ކަމަށެވެ. މުޅި 24 ގަޑިއިރު ކުރިއަށްދާ މި ހަރަކާތް ނިންމާލާނީ ގާނޫނަށް އަމަލުކުރަން ފަށާ ދުވަހު، އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގަ އެވެ.

މި ދުވުމުގައި ދުންފަތުން ދުރުވުމަށް އެހީތެރިވެދޭ ސިޒޭޝަން ކްލިނިކާއި، ދުންފަތާ ދެކޮޅަށް ހޭލުންތެރިކުރުމުގެ އެޑްވޮކެސީ ސްޓޯލާއި، ލައިވް މިއުޒިކުގެ އިތުރުން ފޮޓޯ ބޫތެއް ވެސް ހުންނާނެ އެވެ. މި ދުވުމުގައި ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ ކަމަށް އޮފިޝަލް ފާހަގަކުރެއްވި އެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް މިދިޔަ މެއި މަހު ގެނައި ބަދަލުގައިވާ ގޮތުން 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ މީހުންނަށް އަދި އުފަންވާނެ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާވާނެ އެވެ. މި ގާނޫނުގެ ގަވައިދު ވަރަށް އަވަހަށް ގެޒެޓުކުރާނެ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެ އެވެ. މި ބަދަލާއެކު، ދުންފަތުގެ ބާވަތްތައް ވިއްކާނަމަ ކޮންމެ އުމުރެއްގެ މީހަކަށް ވިޔަސް އުމުރު ކަށަވަރުކުރުމަށްފަހު އެ ފަދަ ބާވަތެއް ވިއްކަން ޖެހޭނެ އެވެ.

މީގެ އިތުރުން، ދުންފަތް ކޮންޓްރޯލްކުރުމަށް މިދިޔަ އަހަރުގެ ފަހުކޮޅު ގެނައި ބަދަލުގައި، ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ ހަގު އުމުރު ވެސް ވަނީ 18 އަހަރުން 21 އަހަރަށް މަތިކޮށްފަ އެވެ. އަދި ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ކުރާ މަސައްކަތުގައި ރާއްޖެއަށް ވޭޕާއި އީ-ސިނގިރޭޓު އެތެރެކުރުން ވެސް މިދިޔަ ނޮވެމްބަރު 15 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.

ކަސްޓަމްސް އިން މީގެ ކުރިން ހިއްސާކުރި މައުލޫމާތުތައް ދައްކާގޮތުން، ރާއްޖެއަށް އެވްރެޖުކޮށް އަހަރަކު 500 މިލިއަނެއްހާ ސިނގިރޭޓް އެތެރެކުރުމަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހޭދަކުރެ އެވެ. އަދި ނޭޝަނަލް ހެލްތު އެކައުންޓްސްގެ ހިސާބުތައް ދައްކާގޮތުން، ސިއްހީ ހިދުމަތްތައް ދެމެހެއްޓުމަށް އެވްރެޖު ގޮތެއްގައި ޖީޑީޕީގެ 9.7 ޕަސެންޓު ނުވަތަ ބަޖެޓުގެ 19 ޕަސެންޓް ހޭދަކުރެ އެވެ. ދުންފަތުން މީހުން ރައްކާތެރިކޮށް، ދުންފަތާ ދުރު ޖީލެއް ބިނާކުރެވިއްޖެނަމަ ސިއްހަތަށް ސަރުކާރުން މިހާރު ކުރާ ބޮޑު ހޭދަ އެތައް ތަނުން ކުޑަވެ އަދި އާއްމުންގެ ދުޅަހެޔޮކަން އިތުރުވެގެންދާނެ ކަން ހެލްތު މިނިސްޓްރީން ފާހަގަކުރެ އެވެ.

މީގެ ހަތަރު އަހަރު ކުރިން އާއްމުކުރި ސްޓެޕްސް ސާވޭ ދައްކާގޮތުން، ރާއްޖޭގެ ކޮންމެ 4 މީހަކުން އެކަކު ދުންފަތުގެ އިސްތިއުމާލް ކުރެ އެވެ. އަދި 2019 ގައި ހެދި ގްލޯބަލް ޔޫތު ޓޮބޭކޯ ސާވޭއިން ދައްކާގޮތުން ސްކޫލު އުމުރުގެ ކުދިންގެ ގާތްގަނޑަކަށް 45 ޕަސެންޓް ކުދިން ދުންފަތުގެ ކޮންމެވެސް ބާވަތެއް ބޭނުންކުރެ އެވެ.

މޯލްޑިވްސް ހެލްތު ސްޓެޓިސްޓިކްސް އިން 2022 ވަނަ އަހަރު އާއްމުކުރި ނަމްބަރުތަކަށް ބަލާއިރު ރާއްޖޭގައި އެންމެ ގިނަ މީހުން ބަލިމަޑުކަމާއި ނުކުޅެދުންތެރިކަމަށް ހުށަހެޅޭ އަދި މަރުވާ އެއް ސަބަބަކީ ވެސް ދުންފަތާ ގުޅުން ހުރި ގައިންގަޔަށް ނާރާ ބައްޔެވެ. މި ނުބައި އާދަ ދެމިގެން ދިއުމަކީ އާއްމު ސިއްހަތަށް އޮތް ބޮޑު ނުރައްކަލެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން