ޚަބަރު
ބަދުއަޚުލާޤު ވާޞިލުވެފައި އޮތީ މިސްކިތު ތެރޭގައި ސައިކަލު ޕާކުކުރާ ޙިސާބަށް: ވަޒީރު އަމީން
ވަޒީރު އަމީން، ރަޢިއްޔަތުންގެ މަޖިލިހުގެ އަދުގެ ޖަލްސާގައި ޖަވާބުދާރީވެވަޑައިގަންނަވަނީ.
ފަރުދުން
27 އޮކްޓޯބަރު 2025، 03:31
27 އޮކްޓޯބަރު 2025، 03:31
އުޅަނދުފަހަރު ޕާކުކުރުމުގައި މީހުންގެ އަޚުލާޤު ގެއްލިފައި އޮތީ، ފުރުޞަތު ލިބިއްޖެ ނަމަ މިސްކިތު ތެރޭގައި ވެސް ސައިކަލު ޕާކުކުރާ މިންވަރަށް ކަމަށް، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު އަދު މަޖިލިހަށް ވަޑައިގެން، މެންބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި ވިދާޅުވީ، ޕާކުކުރުމުގެ އަޚުލާޤު މީހުންގެ ކިބައިން މި ވަރަށް ގެއްލުނީމާ، ޓޮވކުރުމުގެ ޤަވާޢިދު ހަރުކަށިކުރުން ރަނގަޅު ކަމަށެވެ. ނަމަވެސް ޤަވާޢިދަށް މި ބަދަލު ގެންނާން ޖެހޭނީ ލަސްލަހުން ކަމަށް ވަޒީރު ދެކެވަޑައިގަންނަވައެވެ.
މީހުންގެ އަޚުލާޤު ޕާކުކުރުމުގައި ގެއްލިފައި އޮތް ވަރު މިއީ. ޖާގަ ލިބޭ ކަމަށް ވަންޏާ އަޅުގަނޑުމެންގެ ބައެއް މީހުންގެ ވިސްނުން އެބަހުރޭ މިސްކިތަށް އަރާ އިރު ވެސް މިސްކިތުގެ ޞަފުގެ ފުރަގަހުގައި ސައިކަލު ބަހައްޓާފައި އެރުން.
ޕާކުކުރުމުގެ ޤަވާޢިދަށް ގިނަ ބަޔަކު ޙުރުމަތްތެރިކޮށް ނުހިތާ ކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވިއެވެ.
ވަޒީރު މި ފަދައިން ޖަވާބު ދެއްވީ، ނުޤަވާޢިދަށް އުޅަނދުފަހަރު ޕާކުކުރުމުން، ޖޫރިމަނާކުރުމާ އެކުގައި އުޅަނދު ޓޮވކޮށް، "އެއް ކުށަށް ދެ އަދަބު ދެނީ" ކިއެއްވެ ތޯ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙަސަން ކުރެއްވި ސުވާލަށް ރައްދުދެއްވަމުންނެވެ.
މި ސުވާލުގެ ޖަވާބުގައި ވަޒީރު އިތުރަށް ވިދާޅުވީ، ޕާކުކުރުމުގެ ޤަވާޢިދާ ޚިލާފުވުން މި ދަރަޖައަށް ޢާންމުވުމުން، ދެ އަދަބު ވެސް މާ މަދު ކަމުގައެވެ. އަދި ހަމަ އެހެންމެ، ޓޮވކުރާ އުޅަނދުތައް 24 ގަޑިއިރު ބަހައްޓަމުން އައި ބެހެއްޓުން 48 ގަޑިިއިރަށް އިތުރުކުރުމުން، މީހުންގެ ފަރުވާތެރިކަން ކޮންމެވެސް ވަރަކަށް އިތުރުވެފައިވާ ކަން ފުލުހުންގެ ރެކޯޑްތަކުން ދޭހަވާ ކަން ވަޒީރު ވަނީ ހާމަކުރައްވާފައެވެ.
"ޙަޤީޤަތުގައި ހަމަަ ރަނގަޅު، ޙާލަތަށް ބަލާފައި އެއަށް ވުރެ ވެސް އިތުރުކުރުން ވެސް [ޓޮވކޮށްފައި ބަހައްޓާ މުއްދަތު]." ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.