Ads by Stelco

ޚަބަރު

އެމެރިކާއިން ދިވެހި ފުލުހުންނަށް ޒަމާނީ ފޮރެންސިކް އާލާތްތަކެއް ހަދިޔާކޮށްފި

އެމެރިކާއިން ދިވެހި ފުލުހުންނަށް ޒަމާނީ ފޮރެންސިކް އާލާތްތަކެއް ހަދިޔާކޮށްފި

އެމެރިކާއިން ދިވެހި ފުލުހުންނަށް ފޮރެންސިކް އާލާތްތަކެއް ހަދިޔާކުރުން. ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް.

farudhun logo

ފަރުދުން

26 އޮކްޓޯބަރު 2025، 05:18

26 އޮކްޓޯބަރު 2025، 05:18

އެކުވެރި ދައުލަތްތަކުގެ ޑްރަގް އެންޑް ކްރައިމް އޮފީސް (ޔޫ.އެން.އޯ.ޑީ.ސީ.) އަދި އެމެރިކާ ސަރުކާރު ގުޅިގެން، ދިވެހި ފުލުހުންގެ ޚިދުމަތަށް ފޮރެންސިކް އާލާތްތަކެއް ހަދިޔާކޮށްފިއެވެ.

ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުން، އިސްކަންދަރު ބިލްޑިންގގައި އަދު ބޭއްވި ރަސްމިއްޔާތެއްގައި ފުލުހުންގެ ފަރާތުން މި ތަކެއްޗާ ޙަވާލުވެވަޑައިގަތީ، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީނެވެ. މި އާލާތްތަކާ އެކު، ފުލުހުންގެ ތަޙުޤީޤީ ޤާބިލުކަމަށް ކުރިއެރުން ލިބޭނޭ ކަމަށް ފުލުހުން ބުނެއެވެ.

ޔޫ.އެން.އޯ.ޑީ.ސީ.އިން ފޯރުކޮށްދިން މި އެހީތެރިކަމަކީ، ދިވެހިރާއްޖޭގައި ކަނޑުމަތީގައި ހިންގާ ކުށްތައް ދަނެގަތުމަށްޓަކައި މާލީ އަދި ތަންފީޛީ އިދާރާތަކުގެ ޤާބިލިއްޔަތު އިތުރުކުރުމަށް ހިންގާ "ސްޓްރެންތެނިންގ ފައިނޭންޝިއަލް އިންވެސްޓިގޭޝަން ކޭޕެބިލިޓީޒް އެންޑް ލޯ އެންފޯސްމަންޓް ކެޕޭސިޓީ އޮފް މޯލްޑިވްސް ޓު ކައުންޓަރ މެރިޓައިމް ކްރައިމް" މަޝްރޫޢުގެ މުހިންމު ބައެކެވެ.

އ.ދ.އިން ދިވެހި ފުލުހުންނަށް ހަދިޔާކޮށްފައިވާ އާލާތްތަކަކީ 5 ފްރެޑް (ފޮރެންސިކް ރެޕިޑް އެވިޑެންސް ޑޭޓާބޭސް) ސިސްޓަމާއި 4 ރަމަން ސްޕެކްޓްރޮސްކޮޕިކް ޑިވައިސެވެ.

ފްރެޑް ސިސްޓަމަކީ ފޮރެންސިކް ހެކިތަކާއި އެ ތަކެތީގެ މަޢުލޫމާތު ގެންގުޅުމަށް ތައްޔާރުކޮށްފައިވާ ސުމޭކު މަންސައެކެވެ. އެއީ އެކި ޤައުމުތަކުގެ ފުލުހުން ޗެއިން އޮފް ކަސްޓަޑީ ދެމެހެއްޓުމަށާއި، ހެކިތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ބޭނުންކުރާ ނިޡާމެކެވެ.

ރަމަން ސްޕެކްޓްރޮސްކޯޕިކް ޑިވައިސްތަކުގެ ބޭނުމަށް ބަލައިލާއިރު،  އެކި ކަހަލަ މާއްދާތަކާއި މަސްތުވާތަކެތި ތަޙުލީލު ކުރުމާއި ދެނެގަތުމުގައި، އެ ތަކެއްޗަށް ގެއްލުމެއް ނުދީ، ލޭޒަރު އަޅުވައިގެން ބޭނުން މި އާލާތްތައް ބޭނުން ކުރެވެއެވެ.

އެ އާލާތުގެ އެހީގައި، މަސްތުވާތަކެތީގެ ޕެކޭޖުތަކާއި ނުރައްކައުތެރި ކަމަށް ބެލެވޭ މާއްދާތައް އެކުލެވޭ ތަކެތި ނުހުޅުވައި، އޭގެ އެތެރޭގައި ހުރި މާއްދާގެ ބާވަތް ކަށަވަރުކުރެވޭނެއެވެ.

މި ހަދިޔާކުރެވުނު އާލާތްތަކާ އެކު، ފުލުހުންނަށް ޒަމާނީ ގޮންޖެހުންތަކާ ކުރިމަތިލުމަށާއި، ރާއްޖޭގެ ސަލާމަތާއި ރައްކައުތެރިކަން އިތުރުކުުރުމަށް އެހީއަކަށް ވާނޭ ކަމަށާއި، މި އެހީތެރިކަމުގެ ސަބަބުން ދިވެހި ފުލުހުންނަށް ކުށްތައް ހޯދައި ބަލައި ދިރާސާކުރުމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެން ދާނޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


Ads by MSS

މި ލިޔުން ކިޔާލުމުން