Ads by Stelco

ޚަބަރު

އުންމީދަކީ ޒަމާނަށް ލޯހުޅުވިފައިވާ، އުފެއްދުންތެރި، ނަޒާހަތްތެރި ޖީލެއް ބިނާވެގެން ދިއުން: ފަސްޓް ލޭޑީ

އުންމީދަކީ ޒަމާނަށް ލޯހުޅުވިފައިވާ، އުފެއްދުންތެރި، ނަޒާހަތްތެރި ޖީލެއް ބިނާވެގެން ދިއުން: ފަސްޓް ލޭޑީ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު

farudhun logo

ފަރުދުން

26 އޮކްޓޯބަރު 2025، 10:13

26 އޮކްޓޯބަރު 2025، 10:13

ދިވެހީންގެ ބަހާއި ސަޤާފަތާއި އާދަކާދަތަކަށް ކަމޭހިތާ، ޒަމާނަށް ލޯހުޅުވިފައިވާ، އުފެއްދުންތެރި، ނަޒާހަތްތެރި ޖީލެއް ބިނާވެގެން ދާނެކަމަށް އުންމީދު ކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ކްލިކް ކޮލެޖްގެ ރިހިޔޫބީލް ފާހަގަކުރުމަށް، މާގިރި ހޮޓަލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކްލިކް ކޮލެޖުން ކުރިއަށްގެންދާ ތަޢުލީމީ ޕްރޮގްރާމުތަކަށް އިޝާރާތްކުރައްވައި އެކަމަނާ ވިދާޅުވީ، އެފަދަ ދަރިވަރުން އުފެއްދޭނެފަދަ ޕްރޮގްރާމްތައް ކްލިކް ކޮލެޖްގައި ކުރިއަށް ގެންދަވާ ކަމަށެވެ. އެކަމަނާގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ތަޢުލީމީ ތާރީޚުގައި އަމިއްލަ އެކި ފަރާތްތަކުގެ އިސްނެގުމާއި ޚިދުމަތް، މުހިއްމު ދައުރެއް އަދާކޮށްފައިވާކަން ފާހަގަކުރައްވައި، ޤައުމު ބިނާކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެއް ކަމުގައި ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ، ތަޢުލީމީ ނިޒާމުގައި ޞިއްޙަތު، އައު ވިސްނުންތައް، އަދި މަސައްކަތްތެރިކަމާއި ހުނަރުވެރިކަމަށް އިސްކަންދެވެނީ ދަރިވަރުންގެ ފިކުރީ އަދި ޢަމަލީ ޤާބިލިއްޔަތު ކުރިއެރުވުމަށްކަމަށެވެ. މީގެއިތުރުން، އުފެއްދުންތެރިކަން، ވިޔަފާރި، އަދި ސިޔާސަތު ފަދަ ދާއިރާތަކުން ދަރިވަރުން ތަމްރީނުކުރެވެނީ ޤައުމުގެ މުސްތަޤުބަލު ބިނާކުރުމަށް ކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

އަޚުލާޤު ރަނގަޅު، ހަރުދަނާ އަދި ޒިންމާދާރު ޖީލެއް އުފެއްދުމަކީ އުފާވެރި މުސްތަޤުބަލެއް ޙާޞިލުކުރުމަށާއި، ޤައުމަށް އުފެއްދުންތެރިކަމާއި ކުރިއެރުން ގެނެސްދޭނެ ޖީލެއް ބިނާކުރުމަށް މަގުފަހިވާނެ ކަމެއް ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ. އަދި އެ ޖީލުގެ ސަބަބުން އަމާންކަމާއި ރައްކާތެރިކަން، އޭގެ ހުރިހާ މާނައެއްގައި ޔަގީންކުރެވޭނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ. ދިވެހިރާއްޖޭގައި އަމިއްލަ ފަރާތްތަކުން ފޯރުކޮށްދޭ ތަޢުލީމުގައިވެސް އަދި ސަރުކާރުން ދެމުން ގެންދާ ތަޢުލީމުގައިވެސް މި މުހިންމު އަސާސްތައް ދެމެހެއްޓިފައިވާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ރޭ ކުރިއަށްދިޔަ ރަސްމިއްޔާތުގައި ކްލިކް ކޮލެޖުގެ ފަރާތުން ދެއްވާ އެއްލައްކަ ރުފިޔާގެ ޚާއްޞަ ސްކޮލަރޝިޕް ލިބިވަޑައިގެންނެވި ފަރާތަށް އިނާމު ޙަވާލުކޮށްދެއްވީ ރައީސުލްޖްމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެއެވެ. މި ރަސްމިއްޔާތުގައި ކްލިކް ކޮލެޖަށް ދިގުމުއްދަތަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންނަށް ޚާއްޞަ އިނާމެއް ދީފައިވެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން