ޚަބަރު
ފަލަސްޠީނުގެ ހުޅަނގު އައްސޭރި ޔަހޫދީންގެ ބައެއްގެ ގޮތުގައި ކަނޑައެޅުން ރާއްޖޭން ކުށްވެރިކޮށް
ފަލަސްޠީނުގެ ހުޅަނގު އައްސޭރި
ފަރުދުން
23 އޮކްޓޯބަރު 2025، 01:15
23 އޮކްޓޯބަރު 2025، 01:15
ޔަހޫދީން ހިފާފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރި ސަރަޙައްދު ޔަހޫދީ ދައުލަތުގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ޑްރަފްޓްކުރި ދެ ބިލަކަށް ޔަހޫދީންގެ ޤާނޫނު ހަދާ މަޖިލީހުން ރުހުންދިނުން ދިވެހި ސަރުކާރުން ކުށްވެރިކުރައްވައިފިއެވެ.
ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވަނީ، ޔަހޫދީން ހިފާފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރި، ޔަހޫދީ ދައުލަތުގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ޑްރަފްޓްކުރި ދެ ބިލަކަށް ޔަހޫދީންގެ ޤާނޫނު ހަދާ މަޖިލީހުން ރުހުންދީ، ބައިނަލްއަޤުވާމީ ޤާނޫނާއި ހަމަތަކާ ޚިލާފަށް ހިފާފައިވާ ޙައްޤު ނޫން ސަރަހައްދެއް މިލްކުކުރަން ކުރާ މަސައްކަތް ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އެއާއެކު މިބަޔާނުގައި ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ހަމަތަކާ ޚިލާފަށް ޔަހޫދީން ނިންމި މި ނިންމުން ހުއްޓުވައި، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށް، ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ހިންގާފައިވާ އެންމެހައި ޖަރީމާތަކާއި ލާއިންސާނީ ޢަމަލުތަކަށް ޔަހޫދީން ޒިންމާދާރުކުރުވުމަށް ބައިނަލްއަޤުވާމީ ދުނިޔެއަށް ގޮވާލާފައިވެއެވެ. ޚާރިޖީ ވުޒާރާއިން ވަނީ ދިވެހި ސަރުކާރުން އަބަދުވެސް ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދީ، 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކާ އެއްގޮތަށް އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށްކަމުގައި ކަނޑައެޅި، މިނިވަން މުސްތަޤިއްލު ފަލަސްޠީން ދައުލަތެއް ޤާއިމުވެގެން ދިއުމަށް ގޮވާލާނެ ކަމަށެވެ.