Ads by Stelco

ޚަބަރު

އަންނަ އަހަރު ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިސްލާމީ ދާއިރާއިން ގިނަ މަޝްރޫޢުތަކެއް ނިންމާ އިފްތިތާޙް ކުރެވިގެންދާނެ: ވަޒީރު ޝަހީމް

އަންނަ އަހަރު ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިސްލާމީ ދާއިރާއިން ގިނަ މަޝްރޫޢުތަކެއް ނިންމާ އިފްތިތާޙް ކުރެވިގެންދާނެ: ވަޒީރު ޝަހީމް

ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މަޖިލިސް މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ: ފޮޓޯ- ރައްޔިތުން މަޖިލީހުގެ އިދާރާ

farudhun logo

ފަރުދުން

22 އޮކްޓޯބަރު 2025، 11:58

22 އޮކްޓޯބަރު 2025، 11:58

އަންނަ 2026 ވަނަ އަހަރު ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިސްލާމީ ދާއިރާއިން ގިނަ މަޝްރޫޢުތަކެއް ނިންމާ އިފްތިތާޙް ކުރެވިގެންދާނެކަމަށް އިސްލާމީ  ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދަށް ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރު ކުރެއްވި ގިނަ ސުވާލުތަކަށް ޖަވާބުދެއްވާފައިވެއެވެ. މި ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، މިސްކިތްތަކާއި އިސްލާމީ މަރުކަޒުތަކާއި ޤުރުއާނާއި ބެހޭ މަރުކަޒުތައް ހިމެނޭހެން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް 2026 ވަނަ އަހަރު ނިމިގެންދާނެކަމަށެވެ. 

ހަމައެއާއެކު، މި ސަރުކާރުން މިހާރު ޢިމާރާތް ކުރަމުންދާ މިސްކިތްތަކާއި އިސްލާމީ މަރުކަޒުތަކުގައި ރަނގަޅު ވަސީލަތްތައް ޤާއިމް ކުރުމަކީ އަމާޒެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ހއ. ދިއްދޫގައި މިހާރު މަސައްކަތް ނިމިފައިވާ އިސްލާމީ މަރުކަޒުގެ ހުޅުވޭއިރު އެ މަރުކަޒު ހުޅުވިގެންދާނީ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮތްޕެއްގެ ގޮތުގައިިކަމަށާއި ހުރިހާ ވަސީލަތެއް ޤާއިމް ކުރެވި ލައިބްރަރީވެސް ޤާއިމްކުރެވިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ، އަމާޒަކީ މިސްކިތްތަކާއި މަރުކަޒުތަކަކަކީ ޢިލްމީ އަދި އިޖުތިމާޢީ ފައިދާތައް މުޖުތަމަޢުތަކަށް ކުރާނެ ތަންތަނަށް ހެދުންކަމަށެވެ.

ވަޒީރުގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުއްވުމަށް މި ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މި ސަރުކާރުން މުޅި ރާއްޖޭގައި ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުއްވުމަށް ގިނަގުނަ މަަސައްކަތްތަކެއް ކުރަމުން ގެންދާކަން ފާހަގަކުރެއްވިއެވެ. ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮފިތައް ޤާއިމް ކުރުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު އިޢުލާން ކުރައްވާފައިވާ ސިޔާސަތެއްކަމަށާއި މިއާއެކު ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުން އިތުރު ހަރުފަތަކަށް ގެންދެވޭނެކަމަށެވެ.

ޑރ. ޝަހީމް ވިދާޅުވީ، މި ދައުރުގެ ތެރޭގައި 500 ޙާފިޡުން އުފެއްދުމަށް އަމާޒު ހިފާފައިވާކަމަށާއި ފާއިތުވެދިޔަ ރަމަޟާން މަހުގެ 27 ވިލޭރޭ ބޭއްވުނު ޙާފިޡުންގެ ދަސްވެނިވުމުގައި 24 ޙާފިޡުން ދަސްވެނިވެފައިވާއިރު 1447 ވަނަ އަހަރުގެ ދަސްވެނިވުމުގައި 50 އަށްވުރެ ގިނަ ޙާފިޡުން ދަސްވެނިވާނެކަމަށް ލަފާކުރެެވޭކަމަށެވެ. އަދި ޙާފިޡުންނަށް ދެމުންދާ އެލަވަންސް ދެގުނައަށް އިތުރުކުރެވި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދު ފުރިހަމަކުރެވިފައިވާކަން ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.

މީގެ ކުރިން ފަށާފައިވާހުރި ބައެއް މަޝްރޫޢުތައް ނުނިމި ލަސްވުމުގެ އެންމެ ބޮޑު އެއް ސަބަބެއް ކަމަށް ވަޒީރު ވިދާޅުވީ، މަޝްރޫޢުތައް ކަމުގެ ތަޖުރިބާއާއި ޤާބިލްކަންނެތް ކުންފުނިތަކާއި ހަވާލުކޮށްފައިވާ ހުރުންކަމަށެވެ. އަދި މިފަދަ އެތައް ގޮންޖެހުންތަކަކާއެކުވެސް މަޝްރޫޢުތަކުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު ވުޒާރާއިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ވަޒީރުގެ ވާހަކަފުޅުގައި ވަނީ ފާއިތުވެދިޔަ ސަރުކާރު ނިމިގެންދިޔައިރު އެކި ކުންފުނިތަކަށް ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދައްކާ އޮތްކަން ފާހަގަކުރައްވާ މި ސަރުކާރު ފެށުނީއްސުރެ މިހާތަނަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އެކި މަޝްރޫޢުތަކަށް 170 މިލިއަނަށްވުރެ ގިނަ ރުފިޔާ ކުންފުނިތަކަށް ދައްކާފައިވާކަން ފާހަގަ ކުރައްވާފައެވެ. 

ވަޒީރު ޝަހީމް ވިދާޅުވީ، އިސްލާމީ ދާއިރާގެ މަޝްރޫޢުތަކުގެ މަސައްކަތް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ގާތުން ބައްލަވާކަމަށާއި މަސައްކަތްތައް ވީހާވެސް އަވަހަށް ނިންމުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން