Ads by Stelco

ޚަބަރު

މީޑިއާ ކޮމިޝަނަށް 3 ބޭފުޅަކަށް ރުހުން ދޭން ކޮމިޓީން ފާސްކޮށްފި

މީޑިއާ ކޮމިޝަނަށް 3 ބޭފުޅަކަށް ރުހުން ދޭން ކޮމިޓީން ފާސްކޮށްފި

މީޑިއާ ކޮމިޝަނަށް އައްޔަނުކުރަން ރުހުން ލިބުނު 3 ބޭފުޅުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 އޮކްޓޯބަރު 2025، 05:39

20 އޮކްޓޯބަރު 2025، 05:39

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ތިން ބޭފުޅަކަށް ރުހުން ދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ. މި ތިން ބޭފުޅުންނަށް މަޖިލީހުގެ ތަޅުމުން ވޯޓު ހޯދުމަށް މިއަދު ވަނީ ތާވަލުކޮށްފައެވެ.

މީޑިއާ ކޮމިޝަނަށް ކުރިމަތިލެއްވީ ޖުމްލަ 10 ބޭފުޅުންނެވެ. އޭގެ ތެރެއިން ދެ ބޭފުޅަކު ވަނީ އިންޓަރވިއު މަރުހަލާގެ ކުރިން އެ ބޭފުޅުންގެ ނަން އަނބުރާ ގެންދަވާފައެވެ. ބާކީ ތިއްބެވި އަށް ބޭފުޅުންނާ ކޮމިޓީން އިންޓަރވިއު ކުރުމަށްފަހު މާކްސް ދިނުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، އެއްވެސް މުއައްސަސާއަކަށް ބޭފުޅަކު އައްޔަން ކުރުމަށް މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވައިފިނަމަ، ކޮމިޓީން ގޮތެއް ނިންމާނީ އެ ބޭފުޅެއްގެ ތަޢުލީމާއި ތަޖުރިބާ އާއި އިންޓަރވިއުއަށް ބަލައި މާކްސް ދިނުމަށްފަހުއެވެ. މިގޮތުން، މަޖިލީހުގެ ތަޅުމުން ވޯޓަށް އެހުމަށް ކޮމިޓީން ފޮނުވަން ޖެހެނީ ޖުމްލަ މާކްސްގެ %75 އަށްވުރެ މަތިން ލިބޭ ބޭފުޅުންގެ ނަންތަކެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މީޑިއާ ކޮމިޝަނަށް ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަރވިއު ކުރުމަށްފަހު %75 އަށްވުރެ މަތިން މާކްސް ދީފައިވަނީ ތިން ބޭފުޅަކަށެވެ. އެއީ، ކުރީގެ ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް ޞަފާ ޝަފީގާއި، އެ ކޮމިޝަންގެ މެންބަރު އައިމިނަތު ސަރާހަތު އިއްޒަތު އަދި މުހައްމަދު ފަރުޝަތަށެވެ.

ހަތް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް މަޖިލީހުން ތިން މެންބަރުން އައްޔަން ކުރާނެއެވެ. މި ކޮމިޝަނަށް އިންތިޚާބަކާ ނުލައި ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތަކުން މިހާރު ވަނީ ހަތަރު މެންބަރުން އިންތިޚާބުކޮށްފައެވެ. މަޖިލީހުން އައްޔަން ކުރާ ތިން މެންބަރުންނާއެކު، މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ޤާނޫނުގެ ދަށުން އުފެދޭ ފުރަތަމަ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރުން ހަމަވާނެއެވެ. މިކަމަކީ ދިވެހިރާއްޖޭގެ މީޑިއާ ދާއިރާއަށް މުހިންމު ކުރިއެރުމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން