ޚަބަރު
ވަރކް ޕަރމިޓްއާ ގުޅޭ ފީތައް ފަހުން ދެއްކުމަށް ޝަރުތު ކުރުމަށްފަހު އެ ޙުއްދަ ބާޠިލުކޮށްދޭން ނިންމައިފި

ބިދޭސީން މޮނިޓަރ ކުރުމަށް އިމިގްރޭޝަނުން މާލޭގައި ހިންގި ހަރަކާތެއްގެ ތެރެއިން / ފޮޓޯ: އިމިގްރޭޝަން
ބިދޭސީ މަސައްކަތްތެރިން ރާއްޖޭގައި މަސައްކަތް ކުރުމަށް ދޫކުރާ ޙުއްދަ ނުވަތަ ވަރކް ޕަރމިޓްއާ ގުޅޭ ފީތައް ފަހުން ދެއްކުމަށް ޝަރުތުކުރުމަށްފަހު، ވަރކް ޕާރމިޓް ބާޠިލުކޮށްދޭން ނިންމައިފިއެވެ.
މިކަމާ ގުޅިގެން ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާއިން އާންމުކުރި އިޢުލާނެއްގައި ބުނީ، ވަރކް ޕަރމިޓްތަކާއި މުވައްޒަފުންގެ ރެކޯޑުތައް ބެލެހެއްޓުމުގައި ވަޒީފާދޭ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން، 13 އޮކްޓޯބަރ 2025 ވަނަ ދުވަހުން ފެށިގެން ވަރކް ޕަރމިޓާ ގުޅުންހުރި ފީތަކާއި ޖޫރިމަނާތައް ވަގުތުން ދެއްކުމަކާ ނުލައި، އެ ފީތައް ފަހުން ދައްކައި ޚަލާޞްކުރާނެ ކަމަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެއްބަސްވުމަށްފަހު، ވަރކް ޕަރމިޓްތައް ބާޠިލުކޮށްދިނުމަށް ނިންމާފައިވާކަމަށެވެ.
ނަމަވެސް މި ޙާލަތުގައި އެ ވަރކް ޕަރމިޓަށް ކަނޑައަޅާފައިވާ ކޯޓާ ސްލޮޓު ރިލީޒް ކުރާނީ، ނުވަތަ އެ ކޯޓާ ސްލޮޓަށް އިތުރު ބިދޭސީއަކު ގެނައުމުގެ ޙުއްދަ ދޭނީ، ވަރކް ޕަރމިޓްއާ ގުޅުންހުރި ފީތައް ދައްކާ ޚަލާސްކުރުމުންކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.
ވަރކް ޕަރމިޓްއަކީ ބިދޭސީ މަސައްކަތްތެރިން ރާއްޖޭގައި މަސައްކަތް ކުރުމަށް ދޫކުރާ ޙުއްދައެވެ. އަދި ރާއްޖެއަށް ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސީންނަށް ވިސާ ދޫކުރަނީ މި ޙުއްދައަށް ރިއާޔަތްކުރުމަށްފަހުއެވެ.
ރާއްޖޭގައި މަސައްކަތްކުރަމުންދާ ކޮންމެ ބިދޭސީއަކު ވަރކް ޕަރމިޓް ފީގެ ގޮތުގައި މަހަކަށް 350ރ. ދައްކަން ޖެހޭއިރު، ކޮންމެ އަހަރަކަށް ކޯޓާ ފީގެ ގޮތުގައި ދައްކަން ޖެހެނީ 2،000ރ. އެވެ. އަދި އެ ބިދޭސީއަކު ކޮންޓްރެކްޓު ހަމަވެގެން، ނުވަތަ ކޮންޓްރެކްޓް ބާޠިލުކުރުމަށްފަހު ފުރައިގެން ދިއުމުން އެ ބިދޭސީއެއްގެ ވަރކް ޕަރމިޓް ކެންސަލް ކުރަމުން އައީ ނުދައްކާހުރި ހުރިހާ ފީތަކެއް ދެއްކުމުންނެވެ. ނަމަވެސް މި ގެނައި ބަދަލާއެކީ، ޚާއްޞަކޮށް ކުދި ވިޔަފާރިތަކުގައި ބިދޭސީން ގެންގުޅޭ ފަރާތްތަކަށް އިތުރަށް ލުއިވެގެންދާނެކަމަށް ޤަބޫލުކުރެވެއެވެ.