ޚަބަރު
ހޮޅުދޫ ރަންތަރި ޤުރުއާން މުބާރާތް: ޤާރީ އިބްރާޙީމް ޝަރީފްއާއެކު ބައިވެރިން ތަމްރީނުކުރުމުގެ ދެވަނަ ސެޝަން ކުރިޔަށް

ހޮޅުދޫ ރަންތަރި ޤުރުއާން މުބާރާތުގެ ބައިވެރިން ތަމްރީނު ކުރުމަށް ވަޑައިގެންނެވި ޤާރީއަށް މަރުޚަބާ ކިއުން، ފޮޓޯ: ބޭސް
ނ. ހޮޅުދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ "ހޮޅުދޫ ރަންތަރި ޤުރުއާން މުބާރާތް"ގެ ބައިވެރިން ތަމްރީނުކުރުމަށް ކުރިޔަށްގެންދާ ދެވަނަ ތަމްރީނު ސެޝަންތަކުގެ ދެވަނަ ބުރު، އަލްޤާރީ އިބްރާޙިމް ޝަރީފްއާއެކު ބުރާސްފަތި ދުވަހުން ފެށިގެން ކުރިޔަށް އެބަގެންދެއެވެ.
މުބާރާތް އިންތިޒާމުކުރާ ބެޓަރ އެންވަޔަރޮމެންޓް ފޯރ ޔޫތު ސޮސައިޓީ (ބޭސް) އިން ހާމަކޮށްފައިވާ ގޮތުގައި، މި މުބާރާތުގެ ޓްރެއިނިންގ ސެޝަންތަކުގެ ދެވަނަ ބުރު ކުރިޔަށްގެންދެވުމަށް ޤާރީ އިބްރާޙިމް ޝަރީފް އެ ރަށަށް ވަޑައިގެންނެވީ ބުރާސްފަތި ދުވަހުއެވެ. އަދި އެ ދުވަހު ތަމްރީނުތައް ވަނީ ފަށާފައެވެ.
ޤާރީ އިބްރާޙިމް ޝަރީފްގތަމްރީނުތައް ކުރިޔަށް ދާނީ ހޯމަ ދުވަހުގެ ނިޔަލަށެވެ. އެގޮތުން ބުރާސްފަތި ދުވަހު ހަވީރާއި ރޭގަނޑު ތަމްރީނުތައް ކުރިޔަށް ގެންދެވުނުއިރު، މިއަދު ތަމްރީނުތައް ކުރިޔަށް ދާނީ، ހެނދުނާއި، މެންދުރުފަހާއި އަދި ރޭގަނޑެވެ. އަދި ޤާރީ އިބްރާޙިމް ޝަރީފްގެ ކްލާސްތައް ހޯމަ ދުވަހާ ހަމައަށް ކުރިޔަށްދާނެއެވެ.
މި ތަމްރީނުތަކުގެ ފުރަތަމަ ބުރުގެ ސެޝަންތައް ކުރިޔަށް ގެންދެވީ އަލްޤާރީ އަބްދުالله ވަޙީދެވެ. އެއީ މިދިޔަ ސެޕްޓެންބަރު މަހުގެ 26 އަދި 17ވަނަ ދުވަހެވެ.
މި މުބާރާތުގެ ބައިވެރިންނަށް ތަމްރީނު ދިނުމަށް އެކި ޤާރީން ހަފްތާ ބަންދުތަކާ ދިމާކޮށް އެ ރަށަށް ދިއުމުގެ އިތުރުން، ހަފްތާގެ ދުވަސްތަކުގައި އޮންލައިން ކްލާސްތައް ވެސް ކުރިޔަށް ގެންދެއެވެ.
ބޭސް ޖަމްޢިއްޔާގެ ޗެއަރޕާސަން، އިސްމާއިލް ޚަލީލް، "ފަރުދުން"އަށް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ހޮޅުދޫ ރަންތަރި ޤުރުއާން މުބާރާތަކީ އެހެން ޤުރުއާން މުބާރާތްތަކާ ތަފާތު ގޮތަކަށް ކުރިއަށް ގެންދާ މުބާރާތެކެވެ. އާންމު ގޮތެއްގައި ބަލައިގެން ކިޔެވުމާއި ހިތުން ކިޔެވުމުގެ ބައި ވަކިކޮށް ކުރިޔަށްގެންދާއިރު، މި މުބާރާތުގައި ކޮންމެ ބައިވެރިއަކު ވެސް ބަލައިގެންނާއި ހިތުން ކިޔަވަންޖެހެއެވެ. ޖުމްލަ 4 ދުވަހުގެ މުއްދަތަށް ދެމިގެންދާ މި މުބާރާތުގައި 4 ރައުންޑެއް ބޭއްވުމަށް ނިންމާފައިވާއިރު، ފައިނަލް ރައުންޑަށް ދާނީ 5 ބައިވެރިންނެވެ.
ބޭސްއިން ހާމަކޮށްފައިވާ ގޮތުގައި މުބާރާތުގެ އެއްވަނައަށްދާ ފަރާތަކަށް ފައިސާގެ އިނާމެއް ލިބޭނެއެވެ. ފައިސާގެ އިނާމުގެ އަދަދު އަދި ފައިނަލް ކުރެވިފައި ނެތަސް، މި އަދަދު 25,000ރ. އަށް ވުރެ ކުޑަ ނުވާނެކަމަށް ހާމަކޮށްފައިވެއެވެ.