ޚަބަރު
ބައިނަލްއަޤްވާމީ ޤާނޫނު ހުރިހާ ޤައުމުތަކަށްވެސް ހަމަހަމައަށް ތަންފީޒުކުރަންޖެހޭނެ: ރައީސް މުޢިއްޒު

ރައީސް ޑރ މުޙައްމަދު މުއިއްޒު. ފޮޓޯ: ރައީސް އޮފީސް
ބައިނަލް އަޤްވާމީ ޤާނޫނު ހުރިހާ ޤައުމުތަކަށްވެސް ހަމަހަމައަށް ތަންފިޒުކުރެވެން ޖެހޭނެ ކަަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ތުރުކީވިލާތުގެ އަނަދޫލޫއަށް ލިޔުމުން ދެއްވި އިންޓަވިއުއެއްގައެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކާއި، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އަމަލީ ފިޔަވަޅު ނެތްކަން ފާހަގަކުރައްވަމުން، ބައިނަލްއަޤްވާމީ ޤާނޫނު ހުރިހާ ގައުމުތަކަށްވެސް ހަމަހަމައަށް ތަންފީޒުކުރަންޖެހޭނެ ކަމަށް މި އިންޓަރވިއުގައި ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ބައިނަލްއަޤްވާމީ ކަނޑުތަކުގައި އިންސާނީ އެހީ އުފުލާ އުޅަނދުފަހަރަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތަކަކީ ބައިނަލްއަޤްވާމީ ޤާނޫނަށް ކުރާ ފުރައްސާރައެއް ކަމުގައި ރައީސް މުޢިއްޒު ސިފަކުރައްވައިފައިވެއެވެ.
އިސްރާއިލްގެ ޢަމަލުތައް ބައިނަލްއަޤްވާމީ މުޖުތަމަޢުން ކުށްވެރިކުރުމަށްވުރެ އިތުރަށް ކަންތައްތަކެއް ކުރަންޖެހޭ. ބައިނަލްއަޤްވާމީ ޤާނޫނު ހަމަހަމަކަމާއެކު ތަންފީޒުކުރަންޖެހޭ. އެއްވެސް އިސްތިސްނާއެއް ދެވިގެން ނުވާނެ
ރައީސް ޑރ މުޙައްމަދު މުޢިއްޒު
ފަލަސްތީނުގެ މިނިވަންކަމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވަމުން، 1967 ގެ ބޯޑަރތަކުގެ މައްޗަށް، އިރުމަތީ ޖެރޫސަލަމް ވެރިކަންކުރާ ރަށްކަމުގައި ހަމަޖެހިފައިވާ މިނިވަން ފަލަސްތީނު ދައުލަތެއް ޤާއިމުކުރުމަށް ދިވެހިރާއްޖެއިން ގޮވާލާ ކަމަށާއި، އދ. ގެ ފުރިހަމަ މެމްބަރޝިޕް ފަލަސްތީނަށް ލިބިދިނުމަށް ތާއީދުކުރާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، އދ. އާއި ބައިނަލްއަޤްވާމީ ކޯޓުތައް ބަލިކަށިވަނީ އެތަންތަނުގެ ޒާތުން ނޫންކަމަށާއި، ނަމަވެސް ބާރުގަދަ ޤައުމުތަކުން އެތަންތަނަށް ރަނގަޅަށް މަސައްކަތް ނުކުރެވޭގޮތް ހެދުމުގެ ސަބަބުން ކަމަށެވެ.
ހަޤީޤީ ސިޔާދަތު މިނެވެނީ ޤައުމެއްގެ ބޮޑުމިނަކުން ނުވަތަ ޢަސްކަރީ ބާރަކުން ނޫން. އެކަން މިނެވެނީ ފިއްތުންތަކާ ކުރިމަތިލާންޖެހުނު ނަމަވެސް، އަމިއްލަ ޞަމީރާ އެއްގޮތަށް ދެމިހުރުމުގެ ޤާބިލުކަމުން،
ޑރ މުޙައްމަދު މުޢިއްޒު ރައީސް
ދިވެހިރާއްޖެއަށް ސިޔާދަތު މާނަކުރެވެނީ ޞަމީރާ އެއްގޮތަށް ޢަމަލުކުރުމުގެ މިނިވަންކަމުގެ ގޮތުގައި ކަމަށާއި، ކިތަންމެ ކުޑަ ޤައުމަކަށްވެސް އިންސާފު އިޚްތިޔާރުކުރެވިދާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި އެކަން ކުރުމުގެ ތެރެއިން، އިންސާނިއްޔަތަށް އަދާކުރަންޖެހޭ ވާޖިބު ދުނިޔެއަށް ހަނދާންކޮށްދެވިދާނެ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެ ދެމިއޮންނާނެކަން ރައީސް މުޢިއްޒު އަލުން އިތުރަށް ކަށަވަރުކޮށްދެއްވިއެވެ. އަދި އިންސާފާއި ހަމަހަމަކަމަށް ކުރާ މަސައްކަތުގައި ދިވެހިރާއްޖެ ފަހަތަށް ނުޖެހޭނެކަންވެސް ވަނީ ހާމަކުރައްވާފައެވެ.