ޚަބަރު
އައްޑޫ ކައުންސިލާ ގުޅޭ ވޯޓުގެ އޮބްޒާވަރަކަށް ވުމަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލައިފި

އިންތިޚާބެއްގެ ވޯޓު ގުނުން ކުރިއަށްދަނީ
އައްޑޫ ސިޓީގެ ތިން ރަށެއްގައި ވަކިވަކި ރަށު ކައުންސިލްތައް އުފެއްދުމާ މެދު ނަގަން ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓުގައި އޮބްޒާވަރަކަށް ވުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިކަން އިއުލާން ކުރައްވާފައިވަނީ އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލު ގެނައުމަށްޓަކައި 25 އޮކްޓޯބަރު 2025 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ވޯޓާ ގުޅިގެންނެވެ. މި ވޯޓުގައި ހުޅުދޫ، މީދޫ އަދި ފޭދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް ހަމަޖެހިފައިވެއެވެ.
އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކަށްވުމާއި، ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއް ކަމުގައި ނުވުން ހިމެނެއެވެ. އަދި ސިޔާސީ ޕާޓީތައް ފިޔަވައި މަދަނީ ޖަމާޢަތަކުން ނުވަތަ އަމިއްލަގޮތުން އޮބްޒާވަރަކަށް ވުމަށް ހުށަހަޅާ ފަރާތެއްނަމަ، ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެ މީހެއްގެ ނަން ހިމެނިފައިވާ މީހަކު ކަމުގައި ނުވުމަކީވެސް މުހިންމު ޝަރުތެކެވެ.
އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމުގެ ފުރުސަތު 2025 އޮކްޓޫބަރު 09 ވާ ބުރާސްފަތި ދުވަހުގެ 16:00 އިން ފެށިގެން، 2025 އޮކްޓޫބަރު 13 ވާ ހޯމަ ދުވަހުގެ 16:00 ގެ ނިޔަލަށް ހުޅުވާލެވިފައިވެއެވެ. ސިޔާސީ ޕާޓީތަކުން އޮބްޒާވަރުންގެ ގޮތުގައި ހުށަހަޅާނީ ސިމެދަ ޕޯޓަލް މެދުވެރިކޮށް ކަމަށާއި، ޖަމްއިއްޔާތަކާއި އަމިއްލަ ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނުގެ މައި ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވާ ގޮތުގައި، ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމަށް ސިޔާސީ ޕާޓީތަކަށާއި ޖަމާއަތްތަކަށް ފާސްދޫކުރެވޭނީ، ވޯޓުލުމަށް ބަހައްޓާ ވޯޓު ފޮށީގެ އަދަދަށްވުރެ 10 އިންސައްތަ އިތުރުނުވާ ގޮތަށެވެ. އަދި ވޯޓުލާ މަރުކަޒުގައި ކޮންމެ ހައިސިއްޔަތަކުން އެއްފަހަރާ ހަރަކާތްތެރިވެވޭނީ އެންމެ އޮބްޒާވަރަކަށެވެ.