ޚަބަރު
އިސްލާމީ ޤައުމުތަކުން ގުޅިގެން ހަނގުރާމަ ހުއްޓުވުމަށް މަސައްކަތް ކުރުމަށް ރާއްޖެއިން ގޮވާލައިފި

ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް
މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމަ ހުއްޓުވުމަށް އިސްލާމީ ޤައުމުތައް ގުޅިގެން މަސައްކަތްކުރުމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ގޮވާލައްވައިފިއެވެ.
މި ގޮވާލެއްވުން އައިސްފައިވަނީ އުރުދުންގެ ވެރިރަށް އައްމާންގައި ބޭއްވުނު އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ޞިއްޙީ ވަޒީރުންގެ 8 ވަނަ ބައްދަލުވުމުގައެވެ.
މި މަހުގެ 7 އިން 9 އަށް ކުރިއަށް ގެންދެވުނު މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ވަޒީރު ނާޡިމް ވަނީ ރާއްޖޭގެ ޞިއްޙީ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކަށް އަލިއަޅުވާލައްވާފައެވެ. އަދި މި ކުރިއެރުންތަކަކީ ގިނަ ބައެއްގެ ދިގު މުއްދަތެއްގެ ބުރަ މަސައްކަތުން ހާސިލުކުރެވުނު ކާމިޔާބީތަކެއް ކަމަށް ފާހަގަކުރައްވާފައިވެއެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވުނު މި ކޮންފަރެންސްގައި، މެންބަރު ޤައުމުތަކުގެ އިސްވެރިންނާއި ޞިއްޙީ ދާއިރާގެ ފަންނީ މާހިރުން ބައްދަލުކޮށް، ޞިއްޙަތާ ގުޅުންހުރި އެކި މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. ވަޒީރުގެ ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޞިއްޙީ ދާއިރާއަށް ދެއްވާ ޚާއްޞަ އަހައްމިއްޔަތުކަން ވެސް ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ އޯއައިސީގެ މެންބަރު ޤައުމުތަކުގެ ޞިއްޙީ ޙާލަތު ދެނެގަތުމާއި، އޯއައިސީގެ ސްޓްރެޓީޖިކް ހެލްތު ޕްރޮގްރާމް އޮފް އެކްޝަންގެ ލަނޑުދަނޑިތައް ހާސިލުކުރެވިފައިވާ މިންވަރު ވަޒަންކުރުމެވެ. އަދި ކުރިއަށް އޮތް 10 އަހަރުގެ ސްޓްރެޓީޖިކް ޕްރޮގްރާމް އެކުލަވާލުމާ ގުޅޭ މަޝްވަރާތައް ކުރުމެވެ.
އޯއައިސީގެ ޞިއްޙީ ވަޒީރުންގެ ބައްދަލުވުން އެންމެ ފަހުން ބޭއްވިފައިވަނީ 2019 ވަނަ އަހަރުގެ ޑިސެންބަރު މަހު، އެކުވެރި ޢަރަބި އިމާރާތުގެ ވެރިރަށް އަބޫދާބީގައެވެ. މި ބައްދަލުވުމުގެ ސަބަބުން އޯއައިސީގެ މެންބަރު ޤައުމުތަކުގެ ޞިއްޙީ ޙާލަތު ރަނގަޅުކުރުމަށް އިތުރު ފިޔަވަޅުތަކެއް އެޅިގެންދާނެ ކަމަށް ބެލެވެއެވެ.