ޚަބަރު
ޢަމަލީ މަސައްކަތް ފެށި ސޮއިކުރެވުނު މަޝްރޫޢުތަކަކީ ކުނބުރުދޫގެ ތަރައްޤީގެ ކުރިމަގަށް އެޅުނު މުހިންމު ފިޔަވަޅެއް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުނބުރުދޫ ރައްޔިތުންނާ ބައްދަލުކުރައްވަނީ: ފޮޓޯ- ފަރުދުން

ފަރުދުން
08 އޮކްޓޯބަރު 2025، 02:32
08 އޮކްޓޯބަރު 2025، 02:32
އދ. ކުނބުރުދޫގައި މިއަދު ޢަމަލީ މަސައްކަތް ފެއްޓެވި އަދި ސޮއިކުރެއްވި މަޝްރޫޢުތަކަކީ ރަށުގެ ތަރައްޤީގެ ކުރިމަގަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި އެއިން ކޮންމެ މަޝްރޫޢެއްވެސް ސަމާލުކަން ދެއްވައިގެން ކުރިއަށް ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވި ދަތުރުފުޅުގައި އދ. ކުނބުރުދުއަށް ވަޑައިގެން، އެ ރަށުގެ އިސްވެރިންނާ އަދި ރައްޔިތުންނާ ބައްދަލުކުރައްވައި، މަޝްވަރާކުރައްވަމުން ރައީސް ވިދާޅުވީ، ކުނބުރުދޫގެ ތަރައްޤީއަށްޓަކައި ޢަމަލީ މަސައްކަތް ފެށުނު އަދި ސޮއިކުރެވުނު މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގޮސް ނިންމަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާކަމުގައެވެ.
މީގެ އިތުރުން، ރައްޔިތުންގެ ވާހަކަތައް އަޑުއައްސަވާ ކަންބޮޑުވުންތަކާއި، ޚިޔާލުފުޅުތަކަށް ރިޢާޔަތްކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއަދު ސޮއިކުރެއްވި ބިން ހިއްކުމާއި ބަނދަރު ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް އަންނަ ނޮވެންބަރު މަހު ފެށޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. ބިންހިއްކައި ނިމުމުގެ ކުރިންވެސް ރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް އަންނަ އަހަރު ފައްޓަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ކުނބުރުދޫ ބިންހިއްކުމާއި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އަދި ސްކޫލްގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވެއެވެ. މި މަސައްކަތް ޙަވާލުކުރައްވާފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާއެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި އދ. އަތޮޅުގައި އޮންނަ ފޮފަޅަގައު، ކުނބުރުދޫގެ ބައެއްގެ ގޮތުގައި ހިމެނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާތީ އެތަން ކުނބުރުދޫ ކައުންސިލާ ރަސްމީކޮށް ވަނީ ޙަވާލުކުރައްވާފައެވެ.