Ads by Stelco

ޚަބަރު

އޮމަދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސެވި ފަޅުތަކުން މަންފާ ހޯދުމަށް ސަރުކާރުގެ އެއްބާރުލުން ލިބޭނެ: ރައީސް

އޮމަދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސެވި ފަޅުތަކުން މަންފާ ހޯދުމަށް ސަރުކާރުގެ އެއްބާރުލުން ލިބޭނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

07 އޮކްޓޯބަރު 2025، 06:53

07 އޮކްޓޯބަރު 2025، 06:53

އޮމަދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސެވި ފަޅުތަކުން މަންފާ ހޯދުމަށް ރައްޔިތުން ކުރާ މަސައްކަތްތަކަށް، ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އޮމަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ސަރުކާރުން ވަނީ، އޮމަދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސެވި އަރިއަތޮޅު ދެކުނުބުރީ ކުޑަދޫފަޅާއި، އަރިއަތޮޅު ދެކުނުބުރީ ކޯޑު ނަންބަރު RF1329 ފަޅާއި، އަރިއަތޮޅު ދެކުނުބުރީ ކޯޑު ނަންބަރު RF1330 ފަޅު އޮމަދޫ ކައުންސިލާ ރަސްމީކޮށް ހަވާލުކުރައްވާފައެވެ. ރައީސް ވަނީ، ރަށު ފަތުރުވެރިކަމާއި، އެނޫން ވެސް އިޤްތިޞާދީ މަސައްކަތްތަކަށް އެ ފަޅުތައް ބޭނުންކުރުމަށް ބޭނުންވާ އެހީތެރިކަން، ސަރުކާރުން ފޯރުކޮށްދެއްވާނޭކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މީގެ އިތުރުން، ރަށު ފަތުރުވެރިކަން ކުރިއެވުމަށް ރާއްވަވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނިގެން، އަންނަ އަހަރުގެ ކުރީކޮޅު އޮމަދޫގައި، ޑޮލަރު އޭޓީއެމްގެ ޚިދުމަތް ތަޢާރަފުކުރައްވާނޭކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. 2024 ވަނަ އަހަރުގެ ނޮވެންބަރު މަހު، ރާއްޖޭގެ ހުރިހާ ރަށަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ޚިދުމަތް ފޯރުކޮށްދެއްވުމަށް އިފްތިތާޙުކުރެއްވި މަޝްރޫޢުގެ ދަށުން، ފުރަތަމަ އެ ޚިދުމަތް ޤާއިމުކުރެއްވީ ވެސް އޮމަދޫގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވަނީ، އޮމަދޫ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް ބިނާކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ވެސް ސޮއިކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން