Ads by Stelco

ޚަބަރު

ހުރިހާ ޞިއްޙީ ޚިދުމަތްދޭ މަރުކަޒެއް ވަކި މުއައްސަސާއެއްގެ ގޮތުގައި، ދައުލަތުގެ ވުޒާރާތަކާއި މުއައްސަސާތަކާ މުޢާމަލާތްކުރެވޭނެ ނިޒާމެއް ޤާއިމްކުރަނީ

ހުރިހާ ޞިއްޙީ ޚިދުމަތްދޭ މަރުކަޒެއް ވަކި މުއައްސަސާއެއްގެ ގޮތުގައި، ދައުލަތުގެ ވުޒާރާތަކާއި މުއައްސަސާތަކާ މުޢާމަލާތްކުރެވޭނެ ނިޒާމެއް ޤާއިމްކުރަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު: ފޮޓޯ- ފަރުދުން

farudhun logo

ފަރުދުން

07 އޮކްޓޯބަރު 2025، 03:38

07 އޮކްޓޯބަރު 2025، 03:38

ހުރިހާ ޞިއްޙީ ޚިދުމަތްދޭ މަރުކަޒެއް ވަކި މުއައްސަސާއެއްގެ ގޮތުގައި، ދައުލަތުގެ ވުޒާރާތަކާއި މުއައްސަސާތަކާ މުޢާމަލާތްކުރެވޭނެ ނިޒާމެއް ޤާއިމްކުރަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މާމިގިއްޔަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން، ރާއްޖޭގައި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުން، ވަކި މުއައްސަސާތަކެއްގެ ގޮތުގައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި ވުޒާރާތަކާ، ސީދާ ގޮތުން މުޢާމަލާތުކުރެވޭނޭ އިންތިޒާމު ހަމަޖައްސަވާނޭކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި ވުޒާރާތަކާ ސީދާ ގޮތުން މުޢާމަލާތު ކުރެވޭނޭ އިންތިޒާމު ހަމަޖެހުމާއެކު، އަތޮޅު ނުވަތަ ރީޖަނަލް ހޮސްޕިޓަލުތައް މެދުވެރިކޮށް ބޭސް ހޯދަންޖެހޭޖެހުން ނިމުމަކަށް ގެނެވޭނޭކަމަށެވެ. އަދި ބޭސް ހޯދުމާއި، ވަޒީފާތައް އެޕްރޫވްކުރުމާއި، އިތުރު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހޯދަންޖެހޭ ހުއްދަތައް ހޯދުމުގައިވެސް ލުއިފަސޭހަވެގެންދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިކަމަށްޓަކައި ވާންޖެހޭ ތައްޔާރީތަކުގެ ތެރޭގައި، ފަންނީ ވަސީލަތްތައް ހޯދުމާއި، އިންސާނީ ވަސީލަތް ތަމްރީނުކުރުން ހިމެނޭކަން ފާހަގަކުރައްވައި، މި އަހަރުގެ ނިޔަލަށް މި ކަންކަން ހަމަޖެހޭނެކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި އެންމެ އާންމު ހުށަހެޅުމެއްގެގޮތުގައި އިވިވަޑައިގަންނަވާ އެއް ހުށަހެޅުން ކަމުގައިވާ، ދަތުރުދާން ޚާއްޞަ ރަށެއް ހަމަޖެހިގެންދިއުމަށް ރައްޔިތުން އެދިލައްވާ އެދިލެއްވުމާ ގުޅޭ، އުންމީދީ ޚަބަރެއް ދެއްވާފައެވެ. އެގޮތުން ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް، ދަތުރުދިއުމަށް ޚާއްޞަ ރަށެއް ކަނޑައެޅިގެންދާނޭ ކަމަށާއި، އެ ރަށް ވެގެންދާނީ ހަމަޖެހޭ ވަކި އުސޫލެއްގެ މަތިން، ފަތުރުވެރިކަމުގެ ބޭނުމަށާއި، އާންމު ރައްޔިތުންގެ ބޭނުންތަކަށްވެސް ގޮސް އުޅެވޭނޭ ރަށަކަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިކަމަށް ބޭނުންވާ ކަރުދާހެއް ތައްޔާރުކުރައްވައި، ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވުމުގެ މަސައްކަތްތައް މިހާރުވެސް ކުރައްވަމުން ގެންދަވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން