ޚަބަރު
ރައީސުލްޖުމްހޫރިއްޔާ، ހަންޏާމީދޫ ކައުންސިލްގެ އައު އިމާރާތް ހުޅުއްވައިދެއްވައިފި

ކައުންސިލް އިމާރާތް ހުޅުވުން/ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލް އިދާރާގެ އައު އިމާރާތް ހުޅުއްވައިދެއްވައިފި އެވެ.
އެރަށުގެ ކައުންސިލް އިދާރާގެ އައު އިމާރާތް ހުޅުއްވާދެއްވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އަރިއަތޮޅު ދެކުނުބުރީގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ހަންޏާމީދުގެ ކައުންސިލް އިދާރާގެ އައު އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވީ އެކަމަށްޓަކައި އެރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިންނާއި، މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރާއި، ހަންޏާމީދޫ ކައުންސިލް މެންބަރުންގެ އިތުރުން، ކައުންސިލް އިދާރާގެ މުވައްޒަފުންނާއި ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.
އެރަށުގައި ތަރައްޤީކޮށްފައިވާ، ކައުންސިލް އިދާރާގެ އައު އިމާރާތް ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލް އިދާރާގެ އައު އޮފީސް އިމާރާތް ބައްލަވާލައްވާފައެވެ. މި އިމާރާތަކީ ކައުންސިލް މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި އިދާރީ މުވައްޒަފުންނަށް ވެސް މަސައްކަތްކުރަން އެކަށީގެންވާ، ޖާގަ ތަނަވަސް އިމާރާތެއްކަން ފާހަގަކޮށްލެވެއެވެ.
ކައުސިލްތަކަށް ދިމާވެފަވާ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މި ސަރުކާރުގެ އަމާޒަކީ މި ދައުރު ނިމޭއިރު، ކައުންސިލްގެ ޖާގައިގެ މައްސަލައަށް އެކަށޭނެ ޙައްލެއް ގެނެސްދިނުމެވެ.