Ads by Stelco

ޚަބަރު

މާމިގިލީގައި ޤާއިމްކުރާ ބީއެމްއެލް ބްރާންޗުގެ ބިންގާ އަޅައިފި

މާމިގިލީގައި ޤާއިމްކުރާ ބީއެމްއެލް ބްރާންޗުގެ ބިންގާ އަޅައިފި

މާމިގިލީ ބީއެމްއެލް ބްރާންޗުގެ ބިންގާ އެޅުން---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

07 އޮކްޓޯބަރު 2025، 10:36

07 އޮކްޓޯބަރު 2025، 10:36

އދ. މާމިގިލީގައި ޤާއިމްކުރާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބްރާންޗުގެ ބިންގާ އަޅައިފިއެވެ.

މި މަސައްކަތް ފަށާފައި ވަނީ، އދ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު މާމިގިއްޔަށް ވަޑައިގެން، އެ ރަށުގައި މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މާމިގިލީ ބްރާންޗުގައި ބިންގާ އަޅުއްވާ ދެއްވީ، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރެވެ. އަދި އެ މަނިކުފާނު އަރިހުގައި، ބީއެމްއެލްގެ ޗެއާރ ޕާސަން، އަޙުމަދު ޙަބީބު އާއި އެމްޑީ އަދި ސީއީއޯ މުޙައްމަދު ޝަރީފް އާއި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙިމްގެ އިތުރުން މާމިގިލީ ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.

މާމިގިލީ ބަނދަރު ސަރަޙައްދުގައި ޤާއިމްކުރަން ނިންމާފައިވާ މި ސެންޓަރަކީ، އދ. އަތޮޅުގައި ޤާއިމްކުރެވިގެންދާނެ ބީއެމްއެލްގެ ދެވަނަ ބްރާންޗެވެ. މިހާރު އެ އަތޮޅުގައި ބީއެމްއެލްގެ ބްރާންޗެއް ހުންނަނީ، ވެރިކަންކުރާ މަހިނބަދޫގައި އެކަންޏެވެ. 

ބޭންކް އޮފް މޯލްޑިވްސްއިން ހާމަކުރާ ގޮތުގައި، މި ބްރާންޗަކީ އެ ބޭންކުގެ ބްރާންޗުތަކުގެ ވިއުގަ ފުޅާކޮށް ކަސްޓަމަރުންނާ އޮންނަ ގާތް ގުޅުން ދެމެހެއްޓުމަށް ހުޅުވިގެންދާނެ ބްރާންޗެއް ކަމަށެވެ.

ބީއެމްއެލްގެ ހުރިހާ ޚިދުމަތެއް މިހާރު ވަނީ ޑިޖިޓަލައިޒްކޮށްފައެވެ. އަދި ބޭންކުގެ ސިޔާސަތަކީ "ޑިޖިޓަލް ފަސްޓް" ކަމުން، އެކައުންޓް ހުޅުވުމުން ފެށިގެން އިންޓަރނެޓް ބޭންކިން އަދި މޯބައިލް ބޭންކިން މެދުވެރިކޮށް ބޭންކުގެ ހުރިހާ ޚިދުމަތެއް ހޯދޭނެ އިންތިޒާމު ހަމަޖެހިފައިވެއެވެ. އޭގެތެރޭގައި ޕާރސަނަލް ފައިނޭސިން އަދި ލޯނުތަކަށް އޮންލައިންކޮށް ހުށަހެޅޭނެ އިންތިޒާމު ވެސް ވަނީ ހަމަޖެހިފައެވެ. 

ނަމަވެސް ބޭންކުން ބުނީ، ޑިޖިޓަލް ޚިދުމަތްތަކާއެކީ އެ ބޭންކުގެ ކަސްޓަމަރުންނާ އޮންނަ ގުޅުން ހީނަރުވާން ބޭނުން ނުވާކަމަށާއި، ބްރާންޗެއް މެދުވެރިކޮށް އެ ގުޅުން ދެމެހެއްޓުމަކީ ބޭންކުގެ އަމާޒު ކަމުގައެވެ.

އަދި ބޭންކުގެ ވިއުގައަށް އިތުރުކުރެވޭ މި ބްރާންޗާއެކު، ކައިރި ރަށްރަށަށް ބޭންކުގެ މުވައްޒަފުން ދަތުރުކޮށް، ޚިދުމަތްތައް ފޯރުކޮށްދީ، ބޭންކިންއާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރިޔަށް ގެންދާނެކަމަށެވެ. 

ބޭންކުން ހާމަކޮށްފައިވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ އދ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅު ނިމޭއިރު، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފުރިހަމަވެގެންދާނެ ކަމަށެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން